ލ. ހިތަދޫއަށް ދިމާވި ކަރަންޓުގެ މައްސަލައަށް ހައްލު ހޯދާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާަމަކުރައްވައިފިއެވެ.
ފެނަކައިން ހާމަކުރައްވާފައިވާ ގޮތުގައި، ލ. ހިތަދޫގައި ދިމާވި ކަރަންޓުގެ މައްސަލައަށް އެ ކުންފުނިން ހައްލު ހޯދާފައިވަނީ، މުޅިން އައު ޖަނަރޭޓަރެއް އިންސްޓޯލްކޮށްގެންނެވެ.
މިދިޔަ އަންގާރަ ދުވަހު އެ ރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުންދިޔަ ދެ ޖެންސެޓްގެ ތެރެއިން 600 ކިލޯވޯޓުގެ ޖެންސެޓަށް ދިމާވި މައްސަލައަކާ ގުޅިގެން ލޯޑު ބޮޑުވެ މުޅި ރަށަށް އެއް ފަހަރާ ކަރަންޓު ދިނުން ދަތިވެފައިވެއެވެ. އެހެން ނަމަވެސް މުޅި ރަށުން ކަރަންޓު ކެނޑުނުތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި، ބާކީ ހުރި އިންޖީނު ހިންގައިގެން ރަށުގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަރަންޓުގެ ޚިދުމަތް ދޭން ފެށިއެވެ.
މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ފެނަކައިން މެދުނުކެނޑި މަސައްކަތްކޮށް މިހާރު ވަނީ، 600 ކިލޯވޯޓުގެ މުޅިން އައު ޖެންސެޓެއް އެ ރަށުގައި އިންސްޓޯލްކޮށް، މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.
ރަށްރަށުގައި ދެމެހެއްޓެނިވި ގޮތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުން މިހާރު ކުރަމުންދާ ޚާއްޞަ މަސައްކަތުގެ ދަށުން، ފެނަކައިން އަލަށް ރާއްޖެ ގެނައި ޖެންސެޓްތަކުގެ ތެރެއިން އެ ރަށަށް ޚާއްޞަކޮށްގެން ފޮނުވި ޖެންސެޓު ބޭނުންކުރަން ފެށުމުން، ލ. ހިތަދޫގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިވަގުތު އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަޤީންކަން ފެނަކައިން ދީފައިވެއެވެ.

