ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ރައްކާތެރިކުރުމަށް އެކުލަވައިލި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް "އިތާ" ޕޯޓަލް ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސިއްހަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ގީލާ އަލީ އެވެ. ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތަޢާރަފުކުރި މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމެވެ. މީގެ ތެރޭގައި މައްސަލަ ބަލައިގަތުމުން ފެށިގެން، މައްސަލަ ނިމުމާ ހަމައަށް ކުރަންޖެހޭ އެންމެހައި ކަންކަން ހިމެނެއެވެ.
މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "އިތާ ޕޯޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ‘މޯލްޑިވްސް 2.0’ މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް" ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ޕޯޓަލްގެ ސަބަބުން މަސައްކަތުގެ ދުވެލި ހަލުވިވެ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) މެދުވެރިކޮށް މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މައްސަލަތަކުގެ ތާރީޚު ބެލުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އެކި މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފަރކުރުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުން މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މައްސަލަ ބެލުމުގައި ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ހައްސާސް މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން ވުޒާރާގެ ޚިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެ އެވެ. މީގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަމަށް ދާއިމީ ހައްލެއް ލިބޭނެއެވެ.
އިތާ ޕޯޓަލްގެ ސަބަބުން ވުޒާރާއިން ކުރިއަށްގެންދާ "ހާލު ކިހިނެއް" ޕްރޮގްރާމާއި، އެހެން އިދާރާތަކާ ގުޅިގެން ހިންގާ "އިބަމަ" ޕްރޮގްރާމުގެ މަސައްކަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން އެކި ޓީމުތަކުން އެއް ގެއަކަށް ޒިޔާރަތްކޮށް ތަކުރާރުކޮށް މަޢުލޫމާތު ސާފުކުރުން ހުއްޓުމަކަށް އައިސް، ޚިދުމަތުގެ ފެންވަރު މަތިވެ، މުވައްޒަފުންނަށް ވެސް މަސައްކަތް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ

