މި އަހަރުގެ ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު، ހުރިހާ ސްކޫލްތަކެއްގައި މިއަދު ވަނީ ދަރިވަރުންނަށް ރިޕޯޓް ފޮތް ހަވާލުކޮށްފައެވެ.
މި ޓާމު ނިމުމާއެކު ދަރިވަރުންނަށް ލިބޭ 16 ދުވަހުގެ ޗުއްޓީއަށްފަހު، ދެވަނަ ޓާމުގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. މި އަހަރުގެ ދިރާސީ ކަލަންޑަރު ބުނާގޮތުން ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު 18 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 16 އާ ހަމައަށް 30 ދުވަހުގެ މުއްދަތަކަށް ދެމިގެންދާނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ސަރުކާރުގެ 218 ސްކޫލެއްގައި 77,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދެއެވެ. މީގެ ތެރޭގައި އަލަށް ގްރޭޑް 1 އަށް ވަން 4,790 ދަރިވަރުން ހިމެނެއެވެ. މީގެ ތެރެއިން 1,748 ދަރިވަރުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަދެފައިވާއިރު، އަތޮޅުތެރޭގެ ސްކޫލްތަކުން 3,042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.
މި އަހަރުގެ ކިޔެވުން ފެށުނުއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަނީ އައު ސްކޫލެއް ހުޅުވާފައެވެ. ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭ މި ސްކޫލަކީ 1,900 އަށްވުރެ ގިނަ ދަރިވަރުންގެ ޖާގަ ހިމެނޭހެން، ދަރިވަރުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވި ދާއިމީ ސްކޫލެކެވެ.

