އައްޑޫ ސިޓީގެ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލަކަށް ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި، “އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު މަގްސަދަކީ ހަންކެޑެ މަޝްރޫއުގެ ތެރެއިން އައްޑޫ އަތޮޅުގެ ފަތުރުވެރިކަން ފުޅާކޮށް، އޭގެ އިގްތިސޯދީ މަންފާ މުޅި އަތޮޅަށް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިކުރުމެވެ. އަދި މި މަޝްރޫއުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިގްތިސޯދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީވެސް މި ކުންފުނީގެ ޒިންމާއެކެވެ.
ހަންކެޑެއަކީ މީގެ ކުރިން ރިއަލްއެސްޓޭޓް ޓޫރިޒަމަށް ހާއްސަކޮށްފައި އޮތް ތަނެއް ނަމަވެސް، ރައީސް މުއިއްޒު ވަނީ އެ ނިންމުން ބަދަލުކުރައްވައި، އެތަން އިންޓަގްރޭޓަޑް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކުރައްވާފައެވެ. މި މަޝްރޫއުގެ ބިންގާ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އަޅާފައިވާއިރު، މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާއެވެ.
ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތަކީ 2005 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ކުންފުނިތަކާ ހަވާލުކޮށްގެންވެސް ކާމިޔާބުވާ ގޮތް ނުވެފައި އޮތް މަސައްކަތެކެވެ. އެގޮތުން މީގެ ކުރިން ތޫނޑު ޕްރައިވެޓް ލިމިޓެޑާއި، ސިންގަޕޫރުގެ ކްރެސެންޑާޒް ގްރޫޕް ފަދަ ކުންފުނިތަކާ ހަވާލުކުރި ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން އެ އެގްރީމެންޓްތައް ވަނީ އެކި ފަހަރުމަތިން ބާތިލްކޮށްފައެވެ.
އައު ކުންފުންޏެއް އުފެއްދެވުމާއެކު، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް މި މަޝްރޫއު އާ މިސްރާބަކަށް ގެންގޮސް، އައްޑޫގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

