ސަރުކާރުން ތައާރަފްކުރި "މާލެ ޓެކްސީ" އެޕްލިކޭޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ހާމަވެއްޖެއެވެ. އެމްޓީސީސީ ޓްރާންސްޕޯޓް ޑިވިޝަންގެ ޓެކްސީލައިން ޑިޕާޓްމަންޓުގެ މެނޭޖަރ އަބްދުﷲ އިއާދު އާދަމް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް 25،000 އަށްވުރެ ގިނަ މީހުން މި އެޕްލިކޭޝަން ބޭނުންކުރަން ފަށާފައިވާއިރު، ޖުމްލަ 70،000 އަށްވުރެ ގިނަ ދަތުރު ވަނީ ކޮށްފައެވެ.
އިކޮނަމިކް މިނިސްޓްރީގެ "ޓްރޭޑް ޑެސްކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިއާދު ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން މާލޭގައި ޓެކްސީ ހޯދުމަށް އާންމުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށެވެ. އަދި މި ހިދުމަތުގައި ހަރަކާތްތެރިވާ ޑްރައިވަރުންނަކީ ކަސްޓަމަރ ސަރވިސް، ރޯޑް ސޭފްޓީ އަދި ފަސްޓް އެއިޑް ފަދަ މުހިންމު ދާއިރާތަކުން ތަމްރީނު ފުރިހަމަކޮށްފައިވާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެޕްލިކޭޝަނަށް މިހާރު ވަނީ އައު ދެ ފީޗާއެއް އިތުރުކޮށްފައެވެ. އެއީ އޮޓޯ ޑްރައިވަރ އެސައިންމަންޓާއި އިމަރޖެންސީ ބަޓަނެވެ. "އޮޓޯ ޑްރައިވަރ އެސައިންމަންޓުގެ ސަބަބުން ކަސްޓަމަރާ އެންމެ ކައިރީގައި ހުންނަ ޓެކްސީއަށް ވަގުތުން ދަތުރު އެސައިންވެ، އިންތިޒާރުކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ،" އިއާދު ވިދާޅުވިއެވެ. މީގެ އިތުރުން، ދަތުރުމަތީގައި ކަމެއް ދިމާވެއްޖެނަމަ އިމަރޖެންސީ ބަޓަނަށް ފިތާލުމުން ވަގުތުން އޮޕަރޭޝަން ސެންޓަރަށް އެލާޓް ގޮސް، މުވައްޒަފަކު ކަސްޓަމަރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މާލެ ޓެކްސީގެ ހިދުމަތަކީ މުޅިންވެސް ނަގުދު ފައިސާ ބޭނުންނުކުރާ "ކޭޝްލެސް" ހިދުމަތެކެވެ. ހުރިހާ މުއާމަލާތެއް ހިންގަނީ އޮންލައިންކޮށް ނުވަތަ އެޕް ވޮލެޓް މެދުވެރިކޮށެވެ. މީގެ އިތުރުން 1655 އަށް ގުޅައިގެންނާއި، އެޕް މެދުވެރިކޮށް ދުރާލާ ދަތުރުތައް ބުކްކުރުމުގެ ފުރުސަތުވެސް އޮވެއެވެ.
މި ހިދުމަތުގައި މިހާރު 150 ކާރު ބޭނުންކުރަމުންދާއިރު، މީގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް ހިމެނެއެވެ. ތިން ސައިޒެއްގެ ކާރު މި ހިދުމަތުގައި ހިމެނޭއިރު، އޭގެ ތެރޭގައި މާލޭގެ ހަނި ގޯޅިތަކަށް ހާއްސަ، ތިން މީހުންގެ ޖާގައިގެ ކުދި ކާރުތައް ހިމެނެއެވެ. މި ކާރުތަކުގައި ކުދި ލަގެޖު އުފުލުމުގެ ފުރުސަތުވެސް އޮވެއެވެ.
ހިދުމަތް ދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އިއާދު ފާހަގަކުރެއްވީ މާލޭގެ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގެ މައްސަލައެވެ. މަގުތަކުގެ ދެފަރާތުގައި ޕާކުކޮށްފައި ހުރުމުގެ ސަބަބުން ދަތުރުތައް ލަސްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

