އައްޑޫސިޓީގައި ޑެންގީ ހުން ފެތުރެމުންދާތީ، ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަށުތެރެ ސާފުކުރުމަށް އައްޑޫސިޓީ ކައުންސިލުން އަންގައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ދުވަސްވަރު އައްޑޫގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ، މަދިރި މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކުން އަންގަމުންދާ ކަމަށެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އެންމެހައި ފަރާތްތަކަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ސާފުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ކައުންސިލުން ވަނީ ގެއާއި ގޯތިތަކުގައި ދިގުކޮށް ހެދިފައި ހުރި ވިނަތަކާއި، މަގުތަކަށާއި އިންވެގެން ހުންނަ ގޭގެއަށް ދަތިވާ ގޮތަށް ހުރި ގަސްތައް ކޮށައި ސާފުކުރުމަށް އަންގާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު މުޅި ރާއްޖޭގައި ވެސް ޑެންގީ ހުން ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، މި އަހަރުގެ އޭޕްރީލް މަހު އެކަނި ވެސް ރާއްޖެއިން ޑެންގީގެ 601 ވޭދަނަ ރިޕޯޓްކޮށްފައިވާކަން އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.

