ސަރުކާރުން ކުރިއަށްގެންދާ އެފޯޑަބަލް ހޯމް އޯނަޝިޕް ސްކީމްގެ ދަށުން، ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހިންގާ މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހޮވާފައިވަނީ މިކަމަށް ކުރިމަތިލީ ކުންފުނިތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަސް ކުންފުންޏެވެ. އެ ކުންފުނިތަކަކީ: އެސްޖޭ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)، ވަން ރިއަލިޓީ އާއި މެޑްޓެކް މޯލްޑިވްސްގެ ޖޭވީ، އަދި ފްލެކްސިންކް، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް ހިމެނޭ ޖޭވީ އެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓުތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ތިނެއްގައެވެ. ކޮންމެ ކުންފުންޏަކަށް އެއް ޕްލޮޓު ހަވާލުކޮށްފައިވާއިރު، މުޅި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 30 މަސް ދުވަހުގެ މުއްދަތެކެވެ.
މިއީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއަކަށް ވާއިރު، ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގުތައް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދެ ކޮޓަރީގެ ފްލެޓެއް 1.8 މިލިއަން ރުފިޔާއަށް އަދި ތިން ކޮޓަރީގެ ފްލެޓެއް 2.3 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަގެއްގައި ވިއްކަން ޖެހޭނެއެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ގަނެވޭނީ ސަރުކާރުގެ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމަށް ފޯމު ހުށަހަޅައި، ޝަރުތު ހަމަވާ ފަރާތްތަކަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް އަތްފޯރާ އަގުތަކެއްގައި ގެދޮރު މިލްކުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށި ފުރަތަމަ މަޝްރޫއުކަން ވުޒާރާއިން ފާހަގަކުރެއެވެ.

