ސ. ހަންކެޑެގައި ހިންގުމަށް ހަމަޖެހިފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، ދައުލަތުގެ އާ ކުންފުންޏެއް ކަމަށްވާ “އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު (ނަންބަރު 2026/12) އާ އެކު، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އުފެއްދި ކޯޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ހަންކެޑެ ސަރަހައްދު އިންޓަގްރޭޓެޑް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީކޮށް، އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމެވެ. ހަމައެއާއެކު، ފަތުރުވެރިކަމުން ލިބޭ އިގްތިސާދީ ފައިދާތައް އައްޑޫގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމަކީ ވެސް މި ކުންފުނީގެ މުހިންމު ޒިންމާއެކެވެ.
މި މަޝްރޫއުގައި އައްޑޫގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ސަރުކާރުން އެ ސަރަހައްދަށް ކަނޑައަޅާފައިވާ ތަރައްގީގެ ލަނދުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ރޭވުންތައް ރާވައި ތަންފީޒު ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރާނީ މި އާ ކޯޕަރޭޝަނުންނެވެ.

