ސިޙުރު ހާހޫރަ ހެދުމަކީ މީސްތަކުންގެ ހިތްތަކާއި ހަށިގަނޑަށް އޭގެ ނުބައި އަސަރު ފޯރާ، ދީނުން ބޭރުވާ ފަދަ ބޮޑުވެގެންވާ ފާފައެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. “ސިޙުރު ހާހޫރައިގެ ނުބައިކަން” މި މައުޟޫޢަށް ރާއްޖޭގެ އެކިކި މިސްކިތްތަކުގައި މިއަދު ދިން ޚުޠުބާގައި ވަނީ، ސިޙުރަކީ ޙަޤީޤަތެއްކަން ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާކަން ފާހަގަކޮށްފައެވެ. ސިޙުރުގެ ސަބަބުން އިންސާނާގެ ދީނާއި ދުނިޔެ ގެއްލިގެންދާކަން ބަޔާންކުރައްވައި، މިއަދުގެ ޚުޠުބާގައި ވަނީ މި ނުބައި ޢަމަލުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި އެންމެހާ މުސްލިމުން ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.
ޚުޠުބާގައި ބުނީ، ސިޙުރުވެރިޔާ ސިޙުރު ހަދަނީ ނުޖިސް ތަންތަނުގައި އުޅެ، ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތައި، ޝައިޠާނާގެ ރުހުން ހޯދައިގެން ކަމަށެވެ. މިއީ އިސްލާމްދީނުގެ އަސާސްތަކާ މުޅިން ޚިލާފު، އީމާންކަން ފުނޑުފުނޑުކޮށްލާ ފަދަ ނުބައި ޢަމަލެއްގެ ގޮތުގައި ޚުޠުބާގައި ވަނީ ސިފަކޮށްފައެވެ. ސިޙުރުވެރިންނަކީ ބިންމަތީގައި ފަސާދަ އުފައްދާ ބައެއްގެ ގޮތުގައި ޚުޠުބާގައި ބަޔާންކުރައްވަމުން، އެފަދަ މީހުންނަށް ދުނިޔެއާއި އާޚިރަތުގައިވެސް އެއްވެސް ކާމިޔާބީއެއް ނެތްކަމަށް ޚުޠުބާގައި ނަސޭޙަތްތެރިވެއްޖެއެވެ. ސިޙުރު ދަސްކުރުމާއި އޭގެ ބޭނުން ހިފުމަކީ ޝިރުކުގެ ޢަމަލެއް ކަމަށާއި، އެކަމުގެ ސަބަބުން އިންސާނާ އިސްލާމްދީނުގެ އިމުގެތެރެއިން ބޭރުވެގެންދާނެ ކަމުގެ އިންޒާރު މިއަދުގެ ޚުޠުބާގައި ވަނީ ދީފައެވެ.
ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި، ސިހުރުވެރިޔާ އޭނާގެ ސިހުރު ފުރިހަމަކުރުމަށްޓަކައި ޝައިޠާނާއަށް ކިޔަމަންވެ، މާތްﷲ ގެ ކަލާމްފުޅަށް ބޭއަދަބީކޮށް ހިތުމަކީ އެމީހުންގެ އާދައެކެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން މުޖުތަމަޢުގެ ބަދަހިކަން ގެއްލި، އާއިލާތަކުގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދިގެންދާކަން ޚުޠުބާގައި ފާހަގަކޮށްފައިވެައެވެ. ސިޙުރަކީ ހަމައެކަނި ވަހުމެއް ނޫން ކަމަށާއި، އެއީ އޭގެ ސަބަބުން މީހުން ބަލިކޮށްލާ، ދެމަފިރިން ދުރުކޮށްލާ އަދި ފުރާނައަށްވެސް ނުރައްކާވާ ފަދަ ޙަޤީޤީ އަސަރުތަކެއް އެކުލެވޭ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެހެންކަމުން، ސިޙުރުވެރިންގެ ކިބައިން ރައްކާތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ ބަލިމަޑުކަމެއް ނުވަތަ ދިރިއުޅުމުގައި ދިމާވާ ދަތިކަމެއްގެ ސަބަބުން ސިޙުރުވެރިންނާއި ފަންޑިތަވެރިންގެ ގާތަށް ގޮސް އެހީތެރިކަން ހޯދުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް ކަމަށެވެ. ގިނަ ފަހަރަށް މީހުންނަށް މިފަދަ މަގުތަކަށް ދެވެނީ ދިމާވާ މުޞީބާތްތަކުން ސަލާމަތްވުމުގެ އުންމީދުގައެވެ. ނަމަވެސް، އެފަދަ މީހުން ދައްކާ ވާހަކަ ޤަބޫލުކޮށްފި މީހާ، މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފަރުވެއްޖެ ކަމަށް ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގެން އޮތް ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. މީގެ އިތުރުން، ފާލުބަލާ މީހެއްގެ ގާތަށް ގޮސް ކަމަކާ ބެހޭގޮތުން ސުވާލުކޮށްފި މީހާގެ ސާޅީސް ރޭގެ ނަމާދު ގަބޫލުނުކުރެވޭނެ ކަމަށްވެސް ޚުޠުބާގައި ހަނދާންކޮށްދިނެއެވެ.
ސިޙުރުވެރިންނަކީ މީސްތަކުންގެ މުދަލާއި ފައިސާ ނުޙައްޤު ގޮތުގައި އަތުލުމަށްޓަކައި ދޮގު ވާހަކަތައް ފަތުރާ ބައެއް ކަމަށް ޚުޠުބާގައި ނަސޭޙަތްތެރިވެފައެއެވެ. މިފަދަ މީހުންގެ މަޅީގައި ޖެހި، އަމިއްލަ އީމާންކަން ގެއްލުވާލުމަކީ ބޮޑުވެގެންވާ ގެއްލުމެއް ކަމުގައި ޚުޠުބާގައި ވަނީ ބުނެފައެވެ. ކޮންމެ ކަމެއްވެސް ވަނީ މާތްﷲ ގެ އިރާދަފުޅާއެކު ކަން ދަނެ، އެކަލާނގެ މިންވަރުފުޅަށް ފުރިހަމައަށް އީމާންވުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ. ސިޙުރުވެރިންގެ ކިބައިން އެހީތެރިކަން ހޯދުމުގެ ބަދަލުގައި، އިޚްލާޞްތެރިކަމާއެކު ދުޢާކޮށް، މާތްﷲ ގެ ޙަޟްރަތުން ޝިފާއަށް އެދުމަކީ މުސްލިމުންގެ ސިފައެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
ސިޙުރުގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި މާތްﷲ އަށް ފުރިހަމައަށް ވަކީލުކޮށް، ފަރުޟު ފަސް ނަމާދު އަދާކުރުމަށާއި، ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަށް ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. މިއީ އިންސާނާގެ ވަށައިގެން ލެވޭ ރައްކާތެރިކަމުގެ އައްޑަނައެއް ކަމަށް ޚުޠުބާގައި ސިފަކޮށްފައިވެއެވެ. ވަކިން ޚާއްޞަކޮށް ގޭގައި ސޫރަތުލް ބަޤަރާ ކިޔެވުމަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިކަން ލިބޭނެ ކަމެއްކަމަށް ޚުޠުބާގައި ވަނީ ހާމަކޮށްފައެވެ. ސިޙުރުގެ ވަހުމްތަކުން ދުރުހެލީވެ، ހިތްވަރުގަދަ މުސްލިމެއްގެ ގޮތުގައި ސާބިތުވެ ހުރުމުގެ މުހިންމުކަން ޚުޠުބާގައި ވަނީ ބަޔާންކޮށްދީފައެވެ.
ޚުޠުބާގައި ވަނީ ކުޑަކުދިން އިމްތިޙާނުން ފޭލްވުން ނުވަތަ ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ކޮންމެހެން ސިޙުރުގެ ސަބަބުންވާ ކަންކަމުގެ ގޮތުގައި ދެކި، ވަހުމްތަކުގެ ފަހަތުން ނުދިއުމަށް ނަސޭޙަތްތެރިވެފައެވެ. ގިނަ ފަހަރަށް ނަފްސާނީ ބަލިތަކާއި، ދިރިއުޅުމުގެ އާދައިގެ ކަންކަން ސިޙުރާ ގުޅުވުމުގެ ސަބަބުން އާއިލީ ގުޅުންތައް ހީނަރުވެ، އެކަކު އަނެކަކަށް ޝައްކުކުރުން އިތުރުވާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މިފަދަ ވަހުމްތަކަކީ ޝައިޠާނާ އިންސާނާގެ ހިތަށް ވައްދާ ނުބައި ވަސްވާސްތަކެއް ކަމަށާއި، އެކަންކަމުން ސަލާމަތްވުމަށް އޮތީ އީމާންކަން ވަރުގަދަކުރުން ކަމަށް ޚުޠުބާގައި ބުންޏެވެ.
ބަލިތަކަށް ޝިފާ ހޯދުމުގައި ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤްޔާ ބޭނުންކުރުމަށް ޚުޠުބާގައި ވަނީ އިރުޝާދު ދީފައެވެ. ޝަރުޢީ ރުޤްޔާ އާއި ސިޙުރުވެރިން ކުރާ ކަންކަމުގެ ތަފާތު ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ. ޞައްޙަ ރުޤްޔާ ކުރާ މީހުން މައިންބަފައިންގެ ނަމަކަށް ނާހާނެ ކަމަށާއި، ތަވީދާއި ފޮތިގަނޑު ފަދަ ތަކެތި ބޭނުން ނުކުރާނެ ކަން ޚުޠުބާގައި ފާހަގަކޮށްގަައިވެއެވެ. މައިންބަފައިންގެ ނަން އެހުމާއި އެކި ކަހަލަ ފޮތިގަނޑާއި ތަވީދު ދޭ މީހުންނަކީ ސިޙުރުވެރިންކަން ދަނެގަތުމަށް ޚުޠުބާގައި ނަސޭޙަތްތެރިވިއެވެ. މިފަދަ ތަކެތި ހަށިގަނޑުގައި ނުވަތަ ގޭގައި ހަރުކުރުމަކީ އިސްލާމީ ޢަޤީދާއާ ޚިލާފު ކަމެއް ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
މިއަދުގެ ޚުޠުބާގައި ވަނީ ސިޙުރުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާފައެވެ. ސިޙުރުވެރިންގެ މަސައްކަތްތައް ހުއްޓުވުމާއި، އެފަދަ މީހުންގެ ގާތަށް ނުދިއުމަށް އެކަކު އަނެކަކަށް ނަސޭޙަތްތެރިވުމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. މިއަދުގެ ޚުޠުބާވެސް ނިންމާލާފަައިވަނީ އެހެންދުވަސްތަކެކޭ އެއްފަދައިން މިއުންމަތުގެ ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ މައްޗަށް ޞޮލަވާތް ކިޔެވުމަށް ހަނދުމަކޮށްދީ ނަސޭޙަތް ދެއްވުމާއެކުގައެވެ.

