އަތޮޅުތެރޭގެ 17 ރަށަކަށް އެމްބިއުލަންސް ހަވާލުކޮށްފިއެވެ.
ޞިއްޙަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މި 17 ރަށަށް އެމްބިއުލަންސް ފޯރުކޮށްދިނީ، އެންބިއުލަންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިންނެވެ.
ރަށްތަކަށް އެމްބިއުލާންސް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބުރާސްފަތިދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޞިއްޙަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
މިއީ އަތޮޅު ތެރޭގައި 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަވާލުކުރެވުނު މަޝްރޫޢުގެ ދަށުން ގެނެވުނު އެމްބިއުލާންސްތަކެއް ކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 36.2 މިލިޔަން ރުފިޔާއެވެ.
އެންބިއުލަންސް ހަވާލުކުރެވުނު ރަށްތަކަކީ:
- ށ.ކޮމަންޑޫ
- ށ.ފޮއްދޫ
- ނ.ހެނބަދޫ
- ބ.ދަރަވަންދޫ
- ބ.ފުޅަދޫ
- ބ.ދޮންފަނު
- ޅ.އޮޅުވެލިފުށި
- ވ.ފުލިދޫ
- ވ.ކެޔޮދޫ
- މ.ވޭވަށު
- އއ.ބޮޑުފޮޅަދޫ
- އއ.ހިމަންދޫ
- އދ.ކުނބުރުދޫ
- އދ.ދަނގެތި
- ލ.ފޮނަދޫ
- ގއ.ކޮނޑޭ
- ގދ.ވާދޫ
ބުރާސްފަތި ދުވަހު ހަވާލުކުރެވުނު 17 އެމްބިއުލާންސްއާއެކު މިހާތަނަށް ވަނީ ރާއްޖޭގެ އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާ 87 އެމްބިއުލާންސް ހަވާލުކުރެވިފައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ހިދުމަތްތައް ފުޅާކުރުމަށް ޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

