ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކު ދުނިޔޭގެ ސަމާލުކަން ހޯދި ކޭޕްވާޑްގެ ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނިއާ، އޭނާގެ މަޝްހޫރުކަމާއި ދިރިއުޅުމަށް އައި ބޮޑު ބަދަލާ ބެހޭގޮތުން ފީފާއަށް ދީފައިވާ އިންޓަވިއުއެއްގައި ވާހަކަދައްކައިފިއެވެ.
ކޭޕްވާޑްގެ ކުޑަ ރަށެއްގައި ފުޓްބޯޅައިގެ ހުވަފެންތައް ދެކެމުން ބޮޑުވި ވޮޒީނިއާ ބުނި ގޮތުގައި، އެފްރިކާގެ ކުޑަ ޖަޒީރާ ރަށެއްގައި އުޅޭ ކުއްޖަކަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަކީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ވިސާ ހޯދުމުގެ ދަތިތަކާއި، އެކަށީގެންވާ ވަސީލަތްތައް ނެތް ތަންތަނުގައި ކުރި ފަރިތަކުރުންތަކަކީ އޭނާގެ ކެރިއަރުގެ ބުރަ މަސައްކަތްތަކެވެ.
"އަހަރެންގެ ޕްރޮފެޝަނަލް ކެރިއަރު ފެށުނީ އުމުރުން 25 އަހަރުގައި. އެއީ ގިނަ ކުޅުންތެރިން އެމީހުންގެ އެންމެ މޮޅު ކުޅުން ދައްކާ އުމުރު،" ވޮޒީނިއާ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ފުޓްބޯޅައިގެ ތެރޭގައި ދެމިހުރުމަށްޓަކައި އެ ދުވަސްވަރު އެކި ކަހަލަ ވަޒީފާތައް ވެސް އަދާކުރަން ޖެހުނެވެ.
ވޯލްޑް ކަޕަށް ފަހު ދިރިއުޅުމަށް އައި ބަދަލާ ބެހޭގޮތުން އޭނާ ބުނީ، ކުރިން ކޭޕްވާޑަކީ ކޮންތަނެއްކަން ނޭނގޭ މީހުންނަށް މިހާރު އެއީ ކޮން ގައުމެއްކަން އެނގޭ ކަމަށެވެ. "މީގެ ކުރިން އަހަރެން ދިރިއުޅުނީ ވަރަށް އާދައިގެ ދިރިއުޅުމެއް. މަގުމަތީގައި ކައްކައިގެން ކައި އުޅުނު ނަމަވެސް އެކަކަށްވެސް އަހަރެން ނޭނގޭ. އެކަމަކު މިހާރު މަގުމައްޗަށް ނުކުތުމުން މީހުން މޮޔަވޭ،" ވޮޒީނިއާ ކިޔައިދިނެވެ.
އުމުރުން މިހާރު 40 އަހަރުވެފައިވާ ވޮޒީނިއާއަކީ މިވަގުތު ކްލަބެއް ނެތް ‘ފްރީ އެޖެންޓް، އެކެވެ. އޭނާ އެމެރިކާގެ އިންޓަ މިއާމީއަށް ބަދަލުވެ، މެސީއާއެކު ކުޅެފާނެ ކަމުގެ އަޑުތައް ފެތުރެމުންދާއިރު، އޭނާ ބުނީ އަދިވެސް އެއް އަހަރު ނުވަތަ ދެ އަހަރު ކުޅެން ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާ ބޭނުންވަނީ ހަމައެކަނި އިޝްތިހާރުވުމުގެ ބޭނުމުގައި ކްލަބަކަށް ދިއުމުގެ ބަދަލުގައި، އޭނާގެ ހުނަރުގެ ބޭނުން ހިފާނެ ޓީމަކާ ގުޅުމަށެވެ.
އިންޓަވިއު ނިންމާލަމުން، ސަޕޯޓަރުން ކުރަމުންދާ ސުވާލަކަށް ޖަވާބުދެމުން ވޮޒީނިއާ ބުނީ އޭނާއަކީ އަދިވެސް ހުސްހަށިބައި މީހެއް ކަމަށެވެ.

