ފުޓްބޯޅައިގެ ދުނިޔޭގައި އާޖެންޓީނާއަކީ އެއްވެސް ބަޔަކު މަލާމާތްކޮށް، ދަށްކޮށްލެވޭނެ ފަދަ ގައުމެއް ނޫންކަން އެ ގައުމުން ހޯދާފައިވާ ކާމިޔާބީތަކުން ހެކިދެއެވެ. ފީފާ ވޯލްޑް ކަޕްގެ ތާރީޚަށާއި ބައިނަލްއަގުވާމީ މައިދާނަށް ބަލާއިރު، އާޖެންޓީނާއަކީ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު އެއް ގައުމެވެ.
އާޖެންޓީނާގެ ފުޓްބޯޅަ ތާރީޚަށް ނަޒަރު ހިންގާލާއިރު، އެ ގައުމުން ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ތިން ފަހަރު (1978، 1986 އަދި 2022) ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، ދެކުނު އެމެރިކާގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ 16 ފަހަރު ކާމިޔާބުކޮށް، އެ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ތަށި ހޯދި ގައުމުގެ ޝަރަފު ވެސް ވަނީ ހޯދާފައެވެ. އެންމެ ފަހުން 2024 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާގެ ޗެމްޕިއަނަކީ ވެސް އާޖެންޓީނާއެވެ.
އާޖެންޓީނާގެ ކާމިޔާބީތަކުގެ ލިސްޓު މިވަރަކުން ނުނިމެއެވެ. އެ ގައުމުން ވަނީ:
އޮލިމްޕިކްސް ރަން މެޑަލް (ތަށި) 2 ފަހަރު.
ޔުއެފާ ކަޕް (ކޮންމެބޯލް-ޔުއެފާ ކަޕް އޮފް ޗެމްޕިއަންސް) 2 ފަހަރު.
ފައިނަލެސިމާ ކަޕް 2 ފަހަރު (1993 އަދި 2022).
ފީފާ ކޮންފެޑެރޭޝަން ކަޕް 1 ފަހަރު (1992).
ޕެނެއެމެރިކަން ޗެމްޕިއަންޝިޕް 1 ފަހަރު (1960).
20 އަހަރުން ދަށުގެ ވޯލްޑް ކަޕް 6 ފަހަރު.
ކާމިޔާބީތަކުގެ އިތުރުން، އެ ގައުމަކީ އެތައް ފަހަރަކު މުބާރާތްތަކުގެ ފައިނަލުގައި ވާދަކޮށްފައިވާ ގައުމެކެވެ. އެގޮތުން ދުނިޔޭގެ ރަނަރަޕްކަން 6 ފަހަރު، އޮލިމްޕިކްސް ރަނަރަޕްކަން 2 ފަހަރު، 20 އަހަރުން ދަށުގެ ދުނިޔޭގެ ރަނަރަޕްކަން 2 ފަހަރު އަދި ކޮޕާ އެމެރިކާގެ ރަނަރަޕްކަން 14 ފަހަރު ވަނީ ހޯދާފައެވެ.
ޖުމްލަ ގޮތެއްގައި އާޖެންޓީނާގެ ގައުމީ ޓީމުން މިހާތަނަށް 27 ބައިނަލްއަގުވާމީ މުބާރާތް ކާމިޔާބުކޮށްފައިވާއިރު، 20 އަހަރުން ދަށުގެ ޓީމުން ހޯދި 6 ތަށްޓާއެކު ޖުމްލަ 33 ބައިނަލްއަގުވާމީ ތަށި އެ ގައުމުން ވަނީ ހާސިލްކޮށްފައެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް މިހާތަނަށް މުގުރާލެވިފައިވާ ރެކޯޑެއް ނޫނެވެ.
މިހާ ގިނަ ކާމިޔާބީތަކާއި، ފުޓްބޯޅައިގެ ރަން ތާރީޚެއް އޮތް ގައުމަކަށް މަލާމާތް ކުރުމުގެ ޖާގައެއް އޮތްތޯ މިއީ މިއަދު އުފެދޭ ސުވާލެކެވެ. އާޖެންޓީނާއަކީ ފުޓްބޯޅައިގެ ދުނިޔޭގައި ނަމޫނާ ދައްކަމުންދާ، އިހުތިރާމް ހައްގު ގައުމެކެވެ.

