ތ. ތިމަރަފުށީގެ އައު ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.
ރާއްޖޭގެ ފުޓްސަލް އަދި ފުޓުބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ފާހަގަކުރެވޭ ތ. ތިމަރަފުށީގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ތިމަރަފުއްޓަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ ތިމަރަފުށީގެ ޒުވާނުން ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އިންތިޒާރަށް ނިމުން ގެނައި މަޝްރޫޢެކެވެ.
މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމައި، ތިމަރަފުށީގެ ރައްޔިތުންނާއި ޒުވާނުންގެ މި ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި، އެ ރަށުގެ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު ނިންމުމަށްޓަކައި އާރްޑީސީގެ ތިމަރަފުށީ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް، ރަށުގެ ރައްޔިތުން ވަނީ އެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
އަށް މަސްދުވަސް ތެރޭ ތިމަރަފުށީ ދަނޑު ނިންމާ ހުޅުވުމާ އެކު، ތިމަރަފުށީގެ ޒުވާނުންގެ އުންމީދުތަކުގައި ކުލަޖެހި، އެ ޒުވާނުން ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އިންތިޒާރަށް ނިމުމެއް ވަނީ އައިސްފައެވެ.
މިހާ އަވަސް މުއްދަތެއްގައި ފުޓްސަލް ނިންމާ ރަސްމީކޮށް ހުޅުވުމަކީ، އަދުގެ ރައީސުލްޖުމުހޫރިއްޔާ އަދުގެ ޒުވާނުންނަށް ދޭ އަހައްމިއްޔަތު ކަމުގެ އަލިގަދަ ހެއްކެކެވެ. އަދި ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ވަރަށް ރަގަޅަށް ހާމަވެގެން ދެއެވެ.

