ވ. ފެލިދޫގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތްތައްހަލުވި ދުވެލީގައި ބާރަށް ކުރިއަށްދާކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކުރައްވަމުން އެ ކުންފުނިން ބުނީ، މިހާރު އެ ތަނުގައި ކުރިއަށް ދަނީ ސެލް ބްލޮކް ކޮލަމްތައް ހެދުމުގެ މަސައްކަތް ކަމަށެވެ.
އެތަނުގައި ވަށާފާރު ރޭނުމާއި، އޮފީސް ބްލޮކަކާއި، ކުށްވެރިން ބައިތިއްބާނެ ބްލޮކެއް ގާއިމުކޮށް، އެ ތަނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރުމަށް މަޝްރޫއުގެ ދަށުން ކަނޑައަޅާފައިވެއެވެ.
މި އިމާރާތުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވ. އަތޮޅުގެ ރަށްރަށަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ، 43 މިލިޔަން ރުފިޔާއަށް 360 ދުވަހުން ނިންމާގޮތަށެވެ. މަޝްރޫއު ނިމުމުން، އެ ރަށަށް ގިނަގުނަ މަންފާތަކަކާއި ނަފާތަކެއް ލިބޭނެ ކަމަށާއި ފުލުހުންގެ މަރުކަޒުގެ ސަބަބުން އެ ރަށުގެ އަމާންކަން ދެމެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

