މ.މުލަކުގައި އިމާރާތްކުރާ ހެލްތު ސެންޓަރ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަން ހާމަކުރައްވައިފިއެވެ.
މަޝްރޫޢޫ ކުރިއަށް ގެންދާ ކުންފުނި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މ. މުލަކުގައި އިމާރާތްކުރާ ހެލްތު ސެންޓަރ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ، ގްރައުންޑް ބީމް އެޅުމަށް ވަމުންދާ ތައްޔާރީތަކުގެ މަސައްކަތް ކަމަށެވެ.
މިއީ 24.5 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތުދެއެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މުލަކަތޮޅު މުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވާއިރު، މިއީ އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

