އައްޑޫ ސިޓީގައި އޮކްޓޫބަރު މަހުގެ ތެރޭގައި ޚާއްޞަ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިޢުލާންކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ މުހައްމަދު މުޢިއްޒެވެ. އެމަނިިކުފާނު “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެފަދަ ކަމެއް ނިންމެވީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އައްޑޫގެ ރައްޔިތުން އެދެމުންދިޔަ ބަދަލުތަކާ ގުޅިގެން، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއް ފުއްދެވުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެއް ގޮތުގައި ކަމަށެވެ.
މިފަދަ ވޯޓެއް ނަގަނީ އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑާއި ލާމަރުކަޒީ ނިޒާމު ހިންގާނެ ގޮތެއް ނިންމުމުގެ ފުރިހަމަ އިޚުތިޔާރު އެ ސިޓީގެ ރައްޔިތުންނަށް ދެއްވުމަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިހާރު އޮތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން އައްޑޫގެ ވަކިވަކި ރަށްތަކަށް، ޚާއްޞަކޮށް ހުޅުދޫ، މީދޫ އަދި ފޭދޫ ފަދަ ރަށްތަކަށް ދޭންޖެހޭ ސަމާލުކަން ނުލިބި ބާކީވަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ލިބެމުންދެއެވެ. އެހެންކަމުން، އެ ރަށްތަކުގައި ވަކި ރަށު ކައުންސިލްތަކެއް އުފައްދަން ރައްޔިތުން ބޭނުންވޭތޯ ބެލުމަކީ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަގުސަދު ހާސިލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އައްޑޫގެ އެކި ސަރަހައްދުތަކުގެ ރައްޔިތުންނާ ކުރެވޭނެ މައިގަނޑު ސުވާލުތަކަކީ:
- ހުޅުދޫ އަދި މީދޫ: މިހާރު އޮތް ގޮތަށް ސިޓީ ކައުންސިލްގެ ދަށުގައި އޮތުމުގެ ބަދަލުގައި، ވަކި ރަށު ކައުންސިލެއް އުފައްދަން ބޭނުންވޭތޯ؟
- ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫ: މި ރަށްތަކުގައި ވަކިވަކި ރަށު ކައުންސިލްތައް އުފައްދަން ބޭނުންވޭތޯ؟
- ހިތަދޫ: “ހިތަދޫ ސިޓީ ކައުންސިލް” އެއްގެ ގޮތުގައި އޮންނަން ބޭނުންވޭތޯ ނުވަތަ މިހާރު އޮތް ގޮތަށް “އައްޑޫ ސިޓީ ކައުންސިލް” ގެ ގޮތުގައި ދެމިއޮންނަން ބޭނުންވޭތޯ؟އިދާރީ ގޮތުން ކޮންމެ ބަދަލެއް އައި ނަމަވެސް، ރަށްތަކުގެ ނަމުގެ ކުރިއަށް “އައްޑޫ” މި ނަން އޮތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.ވޯޓުގެ ނަތީޖާ ލިބުމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުގެ ފަރާތުން ބޭނުންވާ އިރުޝާދާއި މަގު އިލެކްޝަންސް ކޮމިޝަނަށް ދައްކައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.އައްޑޫ ސިޓީގެ ތަރައްޤީއަށާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެޅޭ ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވަމުން، ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ރައްޔިތުން ނިންމާ ނިންމުމާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

