މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ، ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ނިންމައި އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އަލަށް ހުޅުވޭ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނޭ ފަދަ ޕާކިންގ ޒޯނެއް ވެސް ގާއިމުކޮށްފައިވާނެ ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގުގެ މި ބައި ހަދައި ނިމުމުން، އެކަމުގެ ފައިދާ އެ މަގު ބޭނުންކުރާ ފަރާތްތަކުގެ އިތުރުން މާލޭގެ އެތެރޭގެ މަގުތަކަށްވެސް ލިބި، ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެކަން މިހާރު ބޭނުންކުރަމުންދާ ސަރަޙައްދުގެ ޓްރެފިކް ފްލޯ އިން ސާބިތުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ފިޔަވަހި ނިމުމާއެކު، ބޮޑުތަކުރުފާނު މަގުގައި އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަޙައްދު މަރާމާތުކުރުމުގެ ފަހު ފިޔަވަހީގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަޙައްދާއި، ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. ހަމަ އެހެންމެ ބޮޑުތަކުރުފާނު މަގު މިގޮތަށް ތަރައްޤީވެގެން ދިއުމުން، އޭގެ ފައިދާ ކުރާނީ ހަމައެކަނި އެ މަގު ބޭނުންކުރާ ފަރާތްތަކަށް ނޫންކަން ފާހަގަކުރައްވައި، މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މަގު ފުޅާކުރުމަށްޓަކައި މާލޭ ފަޅުން ބައެއް ހިއްކި ނަމަވެސް، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ. އެގޮތުން މަގުން ބޭރަށް ނެރޭ ބައި ތަރައްޤީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމަށްވުމުން، އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަގުތަކަށް ގެނެވޭ މިފަދަ ބަދަލުތަކުން ތޮއްޖެހުމަށް ލުޔެއް ލިބުނުކަމުގައިވިޔަސް، މާލޭ ސަރަޙައްދުގެ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ ޚިދުމަތްތަކާއި، ފުރުޞަތުތަކާއި، ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަޙައްދީ ތަރައްޤީ ގެނެވިގެން ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެއީ ކަމަށްވާއިރު، އެ ދުރު ރާސްތާ ޙައްލާއެކު މާލޭގެ ތޮއްޖެހުމުގެ މައްސަލަ އޭގެ ޒާތުގައި ޙައްލުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ މާލޭ ސަރަޙައްދުގައި ދިރިއުޅެމުންދާތީ، މި ހިނދުން މި ހިނދަށް ބޭނުންވާ ޒަރޫރީ ޙައްލުތައް ފޯރުކޮށްދިނުމުގެ ގޮތުން މަގުހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މާލޭގައި ބާރުސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

