ރާއްޖެއަށް ބޭނުންވާ އާންމު ބަލިތަކުގެ ބޭސްތައް ބޭނުންވާ އަދަދަށް ރާއްޖޭގައި ބެހެއްޓި، ބޭހުގެ ދަތިކަމަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (އެސްޕީއެމްއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީޔާގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ޑރ. ޝާހު ވަނީ ބޭހުގެ ދަތިކަން ހައްލުކުރެވޭނެ ކަންކަމަށް އަލި އަޅުވާލައްވާފައެވެ. އެގޮތުން އޭނާ ވަނީ، ބޭހުގެ ދަތިކަން ހައްލުކުރެވެނީ ބޭސް ބޭނުންވާނެ މިންވަރު ދުރާލާ އަންދާޒާކުރާ ނިޒާމު ރަނގަޅުކޮށް، ދުރާލާ ބޭހަށް އޯޑަރު ޖަހައިގެން ކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް، ކޮލިޓީ ބޭސް އޯޑަރު ޖަހައިގެން، ފެކްޓްރީތަކުން ރާއްޖެއަށް ޚާއްޞަކޮށް އުފައްދައިގެން ގެނައުމަށް 3 މަހާއި 6 މަހާ ދެމެދުގެ ލީޑް ޓައިމެއް ބޭނުންވާކަން ފާހަގަކުރައްވާ ޝާހު ވިދާޅުވި، މިހާރު ހެދިފައިވާ އޯޑަރުތައް އެ މުއްދަތުގެ ތެރޭގައި ލިބެން ފަށާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މަޑުމަޑުން ސިސްޓަމް ދެމެހެއްޓެނިވި ގޮތެއްގައި ހަމައަކަށް އެޅޭނެ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.
ވަގުތީ ހައްލެއްގެ ގޮތުން މިހާރުވެސް މަދު އަދަދުތަކުން ނަމަވެސް ބޭސް ގެނެސް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ޝާހު ވިދާޅުވިއެވެ.
ފުރަތަމަ އަމާޒަކީ އެސެންޝަލް ލިސްޓުގެ 1200 ބޭސް ހަމަކުރުންކަން ފާހަގަކުރައްވާ ޝާހު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި 5،000 އަށްވުރެ ގިނަ ބޭސް އެބަހުއްޓެވެ. ނަމަވެސް އޭގެ ތެރޭގައި ދުވަހަކުވެސް ރާއްޖެއަށް އެތެރެނުކުރާ ބޭސްތަކާއި މިހާރު ބޭނުންތެރިނޫން ބޭސްތައްވެސް ހިމެނޭކަމަށް ޑރ.ޝާހު ވިދާޅުވިއެވެ.
އެހެންކަމުން ކުންފުނީގެ ފުރަތަމަ އަމާޒަކީ ކޮންމެހެން ބޭނުންވާ އަސާސީ ބޭސްތައް ހިމެނޭ “އެސެންޝަލް ލިސްޓު” ގައި ހިމެނޭ ގާތްގަނޑަކަށް 1،200 އެއްހާ ބޭސް ރާއްޖެއިން ހުސްނުވެ ލިބޭނެ ގޮތް ހެދުން ކަމަށް ޝާހު ވިދާޅުވިއެވެ. އޭގެ ފަހުން، ޑޮކްޓަރުން އާންމުކޮށް ޕްރިސްކްރައިބް ކުރާ ބޭސްތަކަށް ބަލައި، އެޕްރޫވްޑް ލިސްޓުގެ އެހެން ބޭސްތައްވެސް ހަމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

