ކުޅުދުއްފުށީގެ ނަން މަޝްހޫރު “ހޮނިހިރު ބާޒާރު” ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވައިފިއެވެ.
މި ބާޒާރު ހުޅުވީ ހުކުރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ބޮޑުތިލަދުންމަތީގެ ކައުންސިލްތަކުގެ ރައީސުންނެވެ.
ސިޓީ ކައުންސިލުން ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދިޔަ ތަނުގެ އަސްލު ނުގެއްލޭނެހެން މިތަން ތަރައްގީކޮށްފައިވާއިރު، މި ތަނުގައި ވިއްކާނީ ބޮޑުތިލަދުންމަތީގެ ދަނޑުވެރިން އުފައްދާ ތަކެއްޗެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ސިއްހީ ހިދުމަތްތަކަށާއި އަދި ތަފާތުއެކިއެކި ހިދުމަތްތައް ހޯދުމަށް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ބިނާކުރުމާއި، ސިޓީގެ ވިޔަފާރީގެ މައިނާރު ހަރުދަނާކޮށް، ރަށުގެ އަމިއްލަވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.
މީގެ 22 އަހަރު ކުރިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހުޅުވުމާއެކު، އަތޮޅުތެރޭގެ ދަނޑުވެރިން އެމީހުންގެ އުފެއްދުންތައް ވިއްކުމަށް ހޮސްޕިޓަލް ސަރަހައްދުގެ ރުއްތަކުގެ ހިޔަލުގައި މަޑުކުރަން ފެށި ފެށުމަކީ މި ބާޒާރުގެ ފެށުމެވެ. އަދި މި ބާޒާރަކީ ހަމައެކަނި ވިޔަފާރިކުރާ ތަނެއް ނޫނެވެ. މިއީ މުޅި ސަރަޙައްދުގެ އިޖުތިމާއީ ބަދަހިކަން ދައްކުވައިދޭ “އީދެއް” ފާހަގަ ކުރާ ތަނެއްގެ ގޮތުގައި ކުޅުދުއްފުށި ރައްޔިތުން ސިފަކުރެއެވެ.

