ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، 13 ރަށެއްގައި 2100 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް ގްރޭޓަރ މާލެ ސަރަހައްދުން ބޭރުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މި ހައުސިން ޔުނިޓްތައް ތަރައްޤީ ކުރުމަށް ބީލަން ހުށަހެޅޭނީ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ސަރުކާރުން ބިން ހިލޭ ފޯރުކޮށްދޭއިރު، ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހެއެވެ. މި މަޝްރޫޢުގައި ތަރައްޤީކުރާނީ 3 ކޮޓަރީގެ، މަދުވެގެން 900 އަކަފޫޓު ހުންނަ އެޕާޓްމަންޓްތަކެކެވެ. އަދި ކޮންމެ ޔުނިޓަކަށް ސައިކަލް ޕާކުކުރާނެ ހިލޭ ޖާގައެއް ދޭންޖެހޭއިރު، އިމާރާތުގެ އެންމެ ތިރީގައި ވިޔަފާރީގެ ބޭނުންމަށް ޖާގަ ހުންނަންވާނެއެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން “ބިލްޑް-އެންޑް-ސެލް” މޮޑެލްގެ ދަށުން އިންޖިނިއަރިންގް، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން މެތަޑަށެވެ. މި މަޝްރޫއަށް ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޑިވެލޮޕަރުންނެވެ.
ހައުސިން ޔުނިޓްތައް ތަރައްޤީ ކުރާ ރަށްތައް:
– ހއ. ހޯރަފުށި: 100 ހައުސިން ޔުނިޓް
– ރ. އުނގޫފާރު: 100 ހައުސިން ޔުނިޓް
– ބ. ތުޅާދޫ: 50 ހައުސިން ޔުނިޓް
– ޅ. ނައިފަރު: 300 ހައުސިން ޔުނިޓް
– މ. މުލި: 100 ހައުސިން ޔުނިޓް
– ދ. މީދޫ: 100 ހައުސިން ޔުނިޓް
– ލ. ގަން: 200 ހައުސިން ޔުނިޓް
– ތިނަދޫ ސިޓީ: 300 ހައުސިން ޔުނިޓް
– ފުވައްމުލައް ސިޓީ: 300 ހައުސިން ޔުނިޓް
– އައްޑޫ ސިޓީ ހިތަދޫ: 300 ހައުސިން ޔުނިޓް
– އައްޑޫ ސިޓީ ފޭދޫ: 200 ހައުސިން ޔުނިޓް
– އައްޑޫ ސިޓީ މަރަދޫ ފޭދޫ 25 ހައުސިން ޔުނިޓް
– އައްޑޫ ސިޓީ މަރަދޫ: 25 ހައުސިން ޔުނިޓް
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން “ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް” ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

