ސްކޫލު ކުދިންގެ ބަންދާ ދިމާކޮށް ކުދިން އަދި އާއިލާތަކުން ވެސް ޗުއްޓީގައި ދުޅަހެޔޮ ސިއްހަތެއްގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވައިފިއެވެ.
ހެލު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާއިލާއާއެކު އުފާވެރި އަދި ރައްކާތެރި ޗުއްޓީއެއް ހޭދަކުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެ އިދާރާއިން ބުނިގޮތުގައި، ޗުއްޓީގެ ދުވަސްވަރަކީ އާންމުކޮށް ކެއުމާއި ބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރަކަށް ވާތީ، ސިއްހީ ގޮތުން ރަނގަޅު އާދަތައް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ.
އެގޮތުން ލޮނާއި ހަކުރު އަދި ޓްރާންސްފެޓް ގިނަ ކާނާއާއި ބުއިންތަކާ ދުރުހެލިވުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ދުންފަތުގެ ދުމުން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްވެސް ވަނީ އެދިފައެވެ. މީގެ ބަދަލުގައި މިންހެޔޮ ކާނާ ކެއުމަށް އިސްކަންދީ، ހަށިގަނޑަށް ބޭނުންވާ ފައިދާހުރި މާއްދާތައް ލިބޭނެ ގޮތަށް ކެއުމުގެ ކަންކަން ބައްޓަން ކުރުމަށް ވަނީ ލަފާދީފައެވެ.
އެޗްޕީއޭއިން ބުނާ ގޮތުގައި ކަރުހިއްކުން ފިލުވުމަށް ބޭނުންކުރަން އެންމެ ރަނގަޅު ބުއިމަކީ ފެނެވެ. މީގެ އިތުރުން، ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް އެކި ބާވަތުގެ ތަރުކާރީއާއި މޭވާ ހިމެނުމަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މައުދަންތައް ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ. ބަރުދަން ހުންނަންޖެހޭ މިންވަރުގައި ހިފެހެއްޓުމަށްޓަކައި، ކެއިންބުއިން މަދުކޮށް މެދު މިނެއްގައި ހިފެހެއްޓުމަށާއި، ކާ އެއްޗެހި މިންހެޔޮ ކާނާގެ ބާވަތްތަކަށް ހެދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އިންޒާރުދޭ ގޮތުގައި، ދުންފަތާއި ދުންފަތުގެ ދުމުން ކުދިން ރައްކާތެރިކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދޫކުރާ ދުމުގެ ސަބަބުން ކައިރީގައި ތިބޭ ކުދިންނަށް ނޭވާލާ ނިޒާމުގެ ބަލިތަކާއި އެސްމާ ފަދަ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ ބޮޑެވެ. އެހެންކަމުން، ގޭތެރެއާއި ގޯތިތެރޭގައި، އަދި ޚާއްސަކޮށް ކުޑަކުދިން އުޅޭ މާހައުލުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ވަނީ ގޮވާލާފައެވެ.
ހަމައެއާއެކު، ހަށިގަނޑަށް ފައިދާހުރި ކަސްރަތު ލިބޭނެހެން އާއިލާއާއެކު ކޮންމެ ދުވަހަކު ހިނގާލަން ދިއުން ނުވަތަ ހަރަކާތްތެރިވެ އުޅުމަކީ ޗުއްޓީގެ ތެރޭގައި އާދަކުރަން އެޖެންސީން ބާރުއަޅާ ކަމެކެވެ. މިއީ ހަމައެކަނި ޖިސްމާނީ ދުޅަހެޔޮކަމަށް އޮތް މަގެއް ނޫން ކަމަށާއި، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އާއިލީ ގުޅުން ބަދަހިކުރުމަށްވެސް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ.

