ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޝާކް ރިސާޗު ހަބެއް ހުޅުވައިފިއެވެ.
މިޔަރު ދިރާސާކުރުމާއި ހިމާޔަތްކުރުމަށް ހާއްސަކޮށްގެން ރާއްޖޭގައި ގާއިމުކުރި ފުރަތަމަ މަރުކަޒު، "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ހުޅުވާފައިވަނީ ފުވައްމަލައް ސިޓީގައެވެ. މި ހަބް ހުޅުވާދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގުއެވެ. މިއީ ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން އިސްނަގައިގެން ގާއިމުކުރި ތަނެކެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، މި މަރުކަޒުގެ މައިގަނޑު ބޭނުމަކީ މިޔަރާ ގުޅޭ އިލްމީ ދިރާސާތައް ކުރުމާއި، އެކަމާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުގެ އިތުރުން އާ އީޖާދުތަކަށް މަގުފަހިކޮށްދިނުމެވެ.
ހަމައެހެންމެ މިޔަރު ހިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށްޓަކައި ސައިންސްވެރިންނާއި، ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކުގެ އިތުރުން ރަށުގެ މުޖުތަމައުއާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ރާވާފައެވެ.
މި ހަބަކީ ރާއްޖޭގައި ޤާއިމްކުރި މިފަދަ ފުރަތަމަ މަރުކަޒެވެ.
ޖެނުއަރީ 2023 ގައި އުފެއްދި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން ދަނީ ރާއްޖެއާއި ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މިޔަރުގެ އާބާދީ ދިރާސާކުރުމާއި، އެ ތަކެތި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އެ ޖަމިއްޔާއިން ދަނީ ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ. މި އާ ހަބަކީ އެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ފުވައްމުލައް ޝާކު ޕޮއިންޓުގެ ސަބަބުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އޭޝިއާގެ އެންމެ ބޮޑު ޑައިވިން އެކްސްޕޯގައި "ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން" ގެ އެވޯޑު ފުވައްމުލައް ސިޓީއަށް ލިބިފައިވެއެވެ.

