ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހުރިހާ ކުންފުނިތަކަށް އަންގައިފިއެވެ.
ޕީސީބީގެ ރައީސް މުޙައްމަދު ނިޒާރު ސޮއިކޮށް ނެރުއްވި ސަރކިއުލާގައި ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވަނީ، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އަޅާ ފިޔަވަޅެކެވެ.
“ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު” ގެ ދަށުން އެ ބޯޑަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން ނެރެފައިވާ އެންގުމެކެވެ.
މި އެންގުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން މޮނިޓަކުރުމަށް ޕީސީބީން ވަނީ ނިންމާފައެވެ. އެގޮތުން، ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ނުވަތަ މަދުކުރާ މުވައްޒަފުންގެ އަދަދު ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު އެ ބޯޑަށް ފޮނުވުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
އަދި ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މިވަގުތު މި ފިޔަވަޅުތައް އެޅުން ކޮންމެހެން މުހިންމު ކަމަށްވެސް ޕީސީބީން ވިދާޅުވިއެވެ.
މިފަދަ އެންގުމެއް އަންގާފައިވާއިރު، މުވައްޒަފުންގެ އަދަދު މަދުކުރުމަށް ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ، ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ފިޔަވަޅުތަކުގެ ދަށުން އެޗްޑީސީއާއި، ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

