މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭނީ، ޑިޖިޓަލް ވަސީލަތްތަކާ އެކު އިހުނަށްވުރެ ޒަމާނީ ފެންވަރުގައި ކަމަށް ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 136 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ މެސެޖުގައި ވަޒީރު އިހުސާނު ވަނީ، ކަސްޓަމްސްގެ ދިގު ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ މުވައްސަސާއަކީ ދައުލަތުގެ އެންމެ ދިގު ތާރީޚެއް އޮތް އެއް މުވައްސަސާކަން ފާހަގަކުރައްވާފައެވެ.
ކަސްޓަމްސްއިން އަދާކުރަމުންދަނީ ރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅިފައިވާ ނުހަނު މުހިންމު ޒިންމާތަކެ ވެސް ފާހަގަކުރައްވާ ވަޒީރު ވަނީ، ރާއްޖޭގެ ބޯޑަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ބިނާކޮށްދިނުމަށް ކަސްޓަމްސްއިން ކުރާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ، ދައުލަތަށް ވަންނަ އާމްދަނީގެ ބޮޑު ބައެއް އިޚްލާޞްތެރިކަމާއެކު ބަލަހައްޓައި، ކަސްޓަމްސްގެ އޮފިސަރުން އަދާކުރަމުންދާ ދައުރަށް ވެސް ތައުރީފުކުރައްވާފައެވެ.
ރާއްޖޭގެ ބޯޑަރުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށާއި، ޤާނޫނީގޮތުން މަނާ ތަކެތި އަތުލައިގަތުމުގައި ކަސްޓަމްސްއިން ބޮޑެތި ކާމިޔާބީތަކެއް މިސަރުކާރުގައި ހޯދާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި ބޯޑަރުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ ހުރިހާ މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާ، ކަސްޓަމްސްގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކޮށް، ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ޑިޖިޓަލް ޓެކްނޯލޮޖީގެ ބޭނުން ހިފުން އިތުރުކުރާނެ ކަމަށާ އަދި ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާ އަގުހުރި ޤައުމީ މަސައްކަތުގައި އެ މުވައްސަސާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށް ވިދާޅުވެފައެވެ.

