ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލައިބްރަރީގެ ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތް ފަށާފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.
ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިކަން ހާމަކުރައްވާފައިވަނީ، ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައެވެ.
އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝުކުރުﷲ ޝަކީލް ވިދާޅުވީ، ލައިބްރަރީތައް ތަރައްޤީކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލް ކަރުދާސް މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ލައިބްރަރީގެ ޚިދުމަތް ފަސޭހަކަމާއެކު ލިބުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ގައުމީ ކުތުބުޚާނާގެ ޑިރެކްޓާ ޖެނެރަލް ފާތިމަތް ޝިހާމް ވަނީ ސޯޝަލް ކައުންސިލްގެ ކަރުދާސް ފާސަކޮށްފައި ވަނީ 100 އަށްވުރެ ގިނަ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭހެން ޚާއްސަ ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ސާވޭގެ ނަތީޖާއިން ދައްކާގޮތުގައި، ކުތުބުޚާނާގެ ޚިދުމަތް ޤާއިމުވެފައި އޮތުމަކީ އާންމުން ނުހަނު ބޭނުންވާ އަދި މުހިންމު ކަމެއްގެ ގޮތުގައި އެންމެންވެސް ފާހަގަކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ރަށްތަކުގައި ޤާއިމްކުރާނެ ލައިބްރަރީތަކުގެ މޮޑެލްތައް ފާހަގަކުރެވިފައިވާ ކަމަށްވެސް ފާތިމަތު ވިދާޅުވިއެވެ.
ރާއްޖޭގެ ކުތުބުހާނާގެ ޚިދުމަތްތައް ފުޅާކޮށް ޑިޖިޓަަލް ކުރުމުގެ މަސައްކަތުގެ ދަށުން ކުތުބުހާނާއަށް 81 އަހަރުވުމާއި ގުޅިގެން “އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން” ރަސްމީކޮށް ވަނީ އިފްތިތާޙު ކޮށްފައެވެ.

