މަސްވެރިންނަށް ހުރި ދަތިތައް ފިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަނދުފަތި އެޅުމުގައި މިސަރުކާރުން ރެކޯޑެއް ހަދައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފައްޗެއް އަޅާފައިވާކަމަށެވެ. އަދި މިސަރުކާރު އައިފަހުން މިހާތަނަށް 99 ކަނދުފަތި ވަނީ ރާއްޖޭގެ އެކިކަކޮޅު ތަކުގައި އަޅާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ދޮށީގެ ކަނދުފައްޗެއް ގާއިމްކޮށްފައިވާއިރު ވަދު ކަނދު ފަތީގެ ވިއުގައެއް ގާއިމްކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރުގެ ފެބުރުވަރީ މަހަށް މިމަސައްކަތް ނިމޭނެކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ފެބުރުވަރީ މަހަށް އަޅުގަނޑުމެން ނިންމާނަން. އެއިރުން އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ހުރިހައި ރަށެއް އިރާދަކުރެއްވިއްޔާ ކަވަރުވާނެ. މިހާރު ގާތްގަނޑަކަށް ވަދު ކަނދުފަތީގައި އުޅެނީ 22 އަކަށް ކަނދުފަތި އަޅުގަނޑުމެން އިތުރަށް ގާއިމްކުރަން. އިރާދަކުރެއްވިއްޔާ މިދަންނަވާހެން މި 22 ކަނދުފަތި އަޅުގަނޑުމެން ގާއިމްކޮށް ނިންމާނަން. ފެބުރުވަރީ މަހުގެ ތެރޭގައި މިއަންނަ އަހަރުގެ.” ވަޒީރު ވިދާޅުވިއެވެ.
ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނެސް އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހު އަޅާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކަނދުފައްޗަކީ މަސްވެރިން ވަރަށް ބޮޑަށް ބަރޯސާވާ އާލާތަކަށްވާއިރު، ކަނދުފައްޗެއް ކަނޑައިގެން ދިއުމުން އޭގެ އުނދަގޫ މަސްވެރިންނަށް ވަރަށް ބޮޑަށް ކުރެއެވެ. މިވަގުތު ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.

