ކުޅިވަރަކީ އޭގެ ޒާތުގައި މުޖުތަމައު އެއްބައިވަންތަ ކޮށޤދީ ރީތި މިސާލުން ފިލާވަޅު ލިބައިދޭ ކަމެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
ކުޅިވަރުން ހެޔޮ މަންފާތަކެއް ކުރާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުޅިވަރާއެކު ދިރިއުޅުމަށް ރަގަޅު އަސަރުތަކެއް ކުރުވާކަމަށެވެ. އެގޮތުން މުޖުތަމަޢުތައް އެއްބައިވަންތަކޮށްދީ އަންނަން އޮތް ޖީލުތަކަށް ހިތްވަރު ލިއްބައިދޭނެ ރީތި މިސާލަކަށް ކުޅިވަރު ވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމުގެ ސަބަބުން އެގައުމުން އަންނަނީ ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ އެހީތަކަށް ނަޒަރު ހިންގަވާލައްވާ ވަޒީރު ވިދާޅުވީ، އެގައުމުން ދެމުންދާ މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ އެތްލީޓުންނަށް ކުރިއެރުންތަކެއް އަންނަމުންދާ ކަމަށެވެ. ޗައިނާއިން ހަދިޔާ ކުރަމުންދާ ކުޅިވަރު ސާމާނުތަކުގެ އެހީގައި ރާއްޖޭގައި ޓްރޭނިންތައް ބޭއްވި ގްރާސްރޫޓް ޕްރޮގްރާމުތައް ހިންގާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ދެމުންދާ އެހީތައް ފާހަގަކުރައްވާ ވަޒީރުވަނީ ޗައިނާގެ ސަރުކާރަށާއި ޔުނާން ޕްރޮވިންސުންގެ ވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ. ކުޅިވަރު ޒަރީޢާއިން އެގައުމުން ފޯރުކޮށްދެމުންދާ އެހީތަކަކީ ރާއްޖެއިން ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށްހަދިޔާކޮށްފައިވާ ބައެއް ތަކެތީގެ ތެރޭގައި، ފުޓުބޯޅަ، ބާސްކެޓްބޯޅަ، ބެޑްމިންޓަން ރެކެޓު އަދި ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލު އެހެން ކުޅިވަރުތައް ކުޅުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ހިމެނެއެވެ.
މިއީ ޗައިނާގެ ފަރާތުން ރާއްޖެއަށް ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި މިފަދަ އެހީތެރިކަމެއް ވެދިން ތިންވަނަ ފަހަރެވެ.

