އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އެތަންތަނުގެ ފެންވަރު މަތިކުރުމަށް މަޝްރޫޢެއް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
މިކަމުގެ ތަފްސީލު ހާމަކުރައްވާ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެތަންތަނުގެ ފެންވަރު މަތިކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ބާއްވަންޖެހޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވާފައިވާ ކަމަށެވެ.
އެގޮތުން، އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ މުވައްޒަފުންނާއި، ދެ ސިޓީގެ ކައުންސިލްތަކުގެ އިސް ބޭފުޅުންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރުންގެ އިތުރުން މި މަސައްކަތުގައި ހިއްސާވާ އެކި ބައިވެރިންވެސް ހިމެނޭހެން، އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް މެނޭޖްމަންޓް ޕްލޭން އަދި ގްރީވަންސް ރެޑްރެސް މެކޭނިޒަމް ތަންފީޒުކުރުމާ ގުޅޭގޮތުން ޚާއްސަ ތަމްރީނުތަކެއް ބާއްވާފައިވެއެވެ.
ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ ނޭޗަރ ޕާކުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާއިރު، ތިމާވެއްޓާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، މަޝްރޫޢުގެ ތެރެއިން ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މަސައްކަތުގެ ތެރޭގައި ދިމާވެދާނެ ޝަކުވާތައް ހުށަހަޅައި، އެކަންކަން ހައްލުކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން މި ތަމްރީނުގެ ތެރޭގައި ހިމެނެއެވެ.
މިމުހިންމު މަސައްކަތަކީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި، ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއަން އެއިޑްގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫއުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށާއި، އެތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ. މިމަސައްކަތަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގުދުރަތީ މާހައުލުތަކުން ނަފާ ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގުދުރަތީ މާހައުލުތަކުން ނަފާ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ސިޔާސަތުގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ.

