ފަލަސްތީނުގެ މިނިވަންކަން ބަލައިގަނެ، ގުދުސްގެ ބުންތައް ހިމާޔަތްކުރަން ރާއްޖެއިން ގޮވާލައިފިއެވެ.
ދިވެހިރާއްޖެއިން އެކަމަށް ގޮވާލާފައިވަނީ، މިސްރުގެ ގާހިރާގައި ކުރިއަށްދިޔަ “2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް”ގައެވެ.
އޯއައިސީއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައޫދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު އެ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަޤުރީރުކުރެއްވަމުން ވަނީ، އިސްރާއިލުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތައް އަލިއަޅުވާލައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ޚިލާފަށް ފަލަސްޠީނުގެ ބިންތައް ހިފުމަށް އިސްރާއީލުން ކުރަމުންދާ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ.
ހަމައެހެންމެ އަންރުވާއިން ކުރަމުންދާ މުހިއްމު މަސައްކަތް ފާހަގަކޮށް، އަންރުވާގެ މަސައްކަތްތަކަށް ބާރުދިނުމުގެ ގޮތުން އެ އެޖެންސީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ރާއްޖެއިން ގޮވާލައްވާފައިވެއެވެ.
މީގެއިތުރުން، ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީޚީ އަދި ދީނީ މުހިންމުކަން ހިމާޔަތްކުރެވޭނީ އިސްރާއިލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްގު ބަލައިގަނެގެންކަމުގައި ވަނީ ފާހަގަކޮށްފައެވެ.
ފަލަސްޠީނުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާކަން ފާހަގަކުރަމުން، މި ކޮންފަރެންސްތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ބައެއްކަން ވަނީ ހާމަކޮށްފައެވެ.
ފަލަސްޠީނުގެ ހައްޤުގައި އަޑުހަރުކޮށް ވަކާލާތުކުރާ ޤައުމެއް، އަދި އޯއައިސީގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ އިން ދަނީ ގިނަ ކޮންފަރެންސްތަކުގައި ބައިވެރވަމުންނެވެ. އެގޮތުން ޖުލައި މަހު ސެނެގާލްގައި، އޯއައިސީއާ ގުޅިގެން ބޭއްވި ސީއައިއާރްޕީޕީން ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމްގައިވެސް ރާއްޖެއިން ބައިވެރިވެފައިވެއެވެ.
1975 ވަނަ އަހަރު އ.ދ. ގެ އާއްމު މަޖިލީހުގެ ޤަރާރު ނަންބަރު 3376 އިން އުފެއްދި ސީއައިއާރްޕީޕީ އަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންދާ ކޮމިޓީއެކެވެ.

