މާލެ ނޯތު ހާބަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބޯޓުފަހަރަށް މުދާ ދޫކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ޖާގަ ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ވަނީ އެކަން އިއުލާންކޮށްފައެވެ. އެގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙްމަދު ޢައްޒާމް ޝަރީފް ވަނީ ވިޔަފާރި އުސޫލުން ޚިދުމަތް ދިނުމަށް މިހާރުވެސް ބައެއް ކުންފުނިތަކަށް ޖާގަ ދޫކޮށްފައިވާކަން ހާމަކުރައްވާފައެވެ.
ޢައްޒާމް ވިދާޅުވެފައިވާ ގޮތުގައި، ޖާގަ ދޫކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި މިފްކޯ ހިމެނޭއިރު، ދޯނިފަހަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބެމުންދާކަމަށެވެ.
އެ ސަރަހައްދުގައި ކުރިން ހިންގި ކެފޭގެ ތިރީބައިވެސް ވިޔަފާރި ބޭނުންތަކަށް ޚާއްސަކޮށްފައިވާ ކަމަށާއި، އެތަނުން ދޫކުރުމަށް ހަމަޖެހިފައިވާ ސްލޮޓްތައް މިހާރު އިޢުލާން ކުރަމުންދާކަން ފާހަގަކުރައްވާ ޢައްޒާމް ވަނީ، ބޯޓުފަހަރަށް ބޭނުންވާ މުދާ ބަނދަރު ސަރަހައްދުން ފަސޭހަކަމާއެކު ލިބެން ހުރުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި، ޚިދުމަތް ދޭ ފަރާތްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ވެސް ވިދާޅުވެފައެވެ.
އިއުލާންކުރެވި ބިޑް އުސޫލުން އެތަންތަން ލިބުނީމައި އެތަން ތަން ނަގާ ބޭފުޅެއްވިއްޔާ ގުދަންކޮށްގެން ނުވަތަ ވިޔަފާރި އުސޫލުން އެތަނުގައި އެއްޗިހި ބަހައްޓައިގެން ބޯޓުތަކަށް ޑެލިވަރ ކުރެވޭނެ ކަމަށާ އިތުރު 6 ސްލޮޓް ދޫކުރަން އިޢުލާންކޮށްފައިވާނެ ކަމަށްވެސް ޢައްޒާމް ވިދާޅުވެފައިވެއެވެ.
ސްލޮޓް ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހޯލްސޭލް ވިޔަފާރިކުރާ ފަރާތްތަކަށްކަން ފާހަގަކުރައްވާ ޢައްޒާމު ވިދާޅުވީ އޭގެ މައިގަނޑު މަގުސަދަކީ ވީހާވެސް އަވަހަށް އަދި ހެޔޮ އަގުގައި މުދާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
މާލޭގެ ނޯތު ހާބަރު ސަރަހައްދު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަަހރުގެ ތެރޭގައެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި އެމްޕީއެލްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، 11 ޖޫން 2025 އިން ފެށިގެން އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ވަނީ އެމްޕީއެލްއާ ހަވާލުކޮށްފައެވެ.

