ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް ހާމަކުރައްވައިފިއެވެ.
އެ މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢޫ ކުރިއަށް ގެންދާ ކުންފުނި ކަމުގައިވާ، އެމްޓީސީސީން ހާމަކުރައްވާފައިވާ ގޮތުގައި، މިހާރު ސެގްމެންޓު 2 އަދި 3 ގެ ނަރުދަމާގެ މަސައްކަތްތައް ބާރު މިނުގައި ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމަށްވެސް އެ ކުންފުނިން ލަފާކުރެއެވެ.
އެމްޓީސީސީން މަސައްކަތް ކުރައްވަނީ، މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ މިމަހުގެ 26ގައި އާންމު ދަތުރުފަތުރަށް ހުޅުވާލުމަށެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުން ދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތެވެ. އެއީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދެވެ.
މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރުވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އަޅައި، މަގުގެ ނިޝާންތައް ކުރަހައި، މަސައްކަތުގެ ބޮޑު ބައި ނިންމާލާފައެވެ.
އަދި ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތްތަކާއި، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. އަދި އެ ސަރަޙައްދުގައި ކުރަންޖެހޭ ބައެއް އެހެނިހެން މަސައްކަތްތައް ދަނީ ކުރަމުންނެވެ.

