ބުރިޖު ހައިވޭގައި އާއި މާލޭގައި ފުލުހުން މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އިފްތިތާހުކޮށްފިއެވެ.
ޓްރެފިކް އެންހޭންސްމެންޓް ޕްލޭންގެ ނަމުގައި އެ ޕްލޭން އިފުތިތާހުކޮށޤދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުއެވެ ސީޕީ އަހުމަދު، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އިސްކަންދަރު ކޮށީގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅުއްވާފައިވެއެވެ.
އެގޮތުން، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.
ކޮމިޝަނަރގެ އިލްތިމާސާ އެއްގޮތަށް، ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި މިހާރު ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އިތުރު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ދެއްވާފައި ކަމާ އަދި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަށްޓަކައި، ކުރިއަށް އޮތްތަނުގައި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
އިސްކަންދަރު ކޮށީގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓްގެ އެކި ފަންކްޝަންތަކުގެ ކޮމިޝަންޑު އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އިފުތިތާހުކުރެވުނު ޕްލޭނަކީ މާލެއާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

