ކުޑަ ކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލާން ދަށުކޯޓުން ކުރި ޙުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.
މިމައްސަލައަކީ، ފުވައްމުލަކު، މިސްކިތްމަގު، ކިނބިދޫގޭ އަހްމަދު ރިޔާޟް 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 3 ވަނަ ދުވަހުގެ 2:00 އެހާކަންހާއިރު އޭނާއާއި އާއިލީ ގޮތުން ގުޅުން އޮންނަ އުމުރުން 11 އަހަރުގެ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ ހައިކޯޓުން ބަލާފައިވާ މައްސަލައެކެވެ. އަދި މިމައްސަލައާ ގުޅިގެން ރިޔާޟްގެ މައްޗަށް ދައުލަތުން ވަނީ އާއިލާ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
އެންމެ ފުރަތަމަ މިމައްސަލަ ބަލާފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންނެވެ. އެކޯޓުން ކޮށްފައިވާ ހުކުމް ގައިވަނީ، ރިޔާޟް ދައުވާއަށް އިންކާރު ކުރި ނަމަވެސް، ހުށަހެޅުނު ހެއްކާއި ގަރީނާއަށް ރިއާޔަތްކުރާއިރު ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާއިމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބުނާފަދަ ޖިންސީ އަމަލެއް ކުއްޖާއާއެކު ހިންގި ކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އެގޮތުން އެމައްސަލައިގައި ކުށް ސާބިތުވުމުން ފުވައްމުލަކު ކޯޓުން ރިޔާޟްގެ މައްޗަށް ހުކުމް ކޮށްފައިވަނީ 25 އަހަރަށް ޖަލަށް ލުމަށެވެ.

