ނ .ކެނދިކުޅުދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިމިއްޖެއެވެ.
އެ މަޝްރޫއު ކުރިއަސް ގެންދިޔަ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އިން ހާމަކުރެއްވި ގޮތުގައި، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ދަށުން ކުރިއަށްދިޔަ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
މި ޕާކުގެ ސަބަބުން ރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި މަޝްރޫއަށް ޖުމްލަ 420,000 ރުފިޔާ ޚަރަދުވިކަމަށް އާރްޑީސީން މައުލޫމާތުދެއްވައެވެ.
މި ޕާކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެ ރަށު ރައްޔިތުން ދެކޭ ގޮތުގައި މި ވައުދާ އެއްގޮތަށް ޕާކުގެ މަސައްކަތް ނިމިގެން ދިއުމަކީ، ރަށުގެ އިޖުތިމާއީ ދިރިއުޅުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
29 މާރިޗު 2024 ގައި ސޮއިކުރި އެ މަޝްރޫއުގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރޭގައި ލޭންޑްސްކޭޕިންގ އަދި ހާޑްސްކޭޕިންގ މަސައްކަތްތަކުގެ އިތުރުން، ޕާކު ސެޓުތައް އިންސްޓޯލްކުރުން ހިމެނެއެވެ. މި ޕާކު ތަރައްޤީ ކޮށްފައިވަނީ، ކެނދިކުޅުދޫގެ ކުޅުދޫ އަވަށުގައެވެ.

