މާލޭ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ހަލުވިކަމާއެކު ފެތުރެމުންދާތީ، އާންމު ސިއްހަތަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. މި ބަލި ޖެހިގެން ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ޑޮކްޓަރަށް ދައްކަމުންދާކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.
ބޭރަށް ހިންގުމުގެ އަލާމާތްތައް ފެންނަ ނަމަ، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނައިން ފެނާއި، އޯއާރުއެސް އަދި ސޫޕް ފަދަ ދިޔާ އެއްޗެހި ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. މީގެ އިތުރުން، ފާހާނާ ކުރުމަށްފަހުގައާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅިދާނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ބަލިވެ އުޅޭ ނަމަ، އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމުގެ ގޮތުން ސްކޫލްތަކަށާއި ވަޒީފާގެ މާހައުލަށް ނުދިއުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.
މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަށް ވެފައި، ގިނަ ބަޔަކު އެއްވެ އުޅޭ ވަގުތަކަށް ވާތީ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ބާރުއަޅައެވެ. ބޭރަށް ހިންގުމުގެ އިތުރުން، މާލޭ ސަރަހައްދުގައި ހިމަބިހި (މީސަލްސް) ވެސް ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހުން އައިސް ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ ނުވަތަ ރޯގާގެ އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި ހިމަބިއްސަށް ޝައްކު ކުރެވިގެން ޓެސްޓެއް ހަދައިފި ނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ސައިބޯނި ލައިގެން އަތްދޮވުމާއި ސެނިޓައިޒާ ބޭނުންކުރުމަށް އެޗްޕީއޭއިން ބާރުއަޅައެވެ. ހަމައެއާއެކު، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މަދިރި ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

