މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހަލުވިކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ނިމިދިޔަ ހަފްތާގައި އެކަނިވެސް 1،804 ކޮންޓެއިނަރު ކްލިއަރކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިދިޔަ ޖުލައި މަހުގެ 12 އިން 18 އަށް ކުރިއަށްދިޔަ މި އޮޕަރޭޝަންތަކުގައި އެންމެ ގިނައިން ބަނދަރުން ނެރެފައިވަނީ އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 1،453 ކޮންޓެއިނަރު އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 351 ކޮންޓެއިނަރު ވަނީ ކްލިއަރކޮށްފައެވެ. މުދަލުގެ ބަރުދަނަށް ބަލާއިރު، ކޮންޓެއިނަރު ބޯޓުފަހަރުން 41،753.59 ފްރައިޓް ޓަނުގެ މުދާ އަދި އާންމު މުދާ އުފުލާ އުޅަނދުތަކުން 2،179.98 ފްރައިޓް ޓަނުގެ މުދާ ވަނީ ބަނދަރުން ނެރެފައެވެ.
ބަނދަރުން ކްލިއަރކުރި މުދަލުގެ ތެރޭގައި ގިނަ އަދަދެއްގެ ބިހާއި ފިޔާ ހިމެނެއެވެ. އެގޮތުން 15,821 ބަސްތާ ފިޔާ އާއި 15,530 ކޭސް ބިސް ވަނީ މިދިޔަ ހަފްތާގައި ބަނދަރުން ދޫކޮށްފައެވެ. މީގެ އިތުރުން 4,673 ބަސްތާ އަލުވި، 3,614 ކޭސް ޓޮމާޓޯ އަދި 2,112 ކޭސް ދޮންކެޔޮ ވެސް ވަނީ ކްލިއަރކޮށްފައެވެ.
މިދިޔަ ހަފްތާގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 3 ބޯޓު ވަނީ ބަނދަރުކޮށްފައެވެ. އަދި ހަމަ އެ އަދަދަށް ބޯޓުފަހަރު ވަނީ މުދާ ބޭލުމަށްފަހު ފުރާފައެވެ. ބަނދަރުގެ ޖުމްލަ އޮޕަރޭޝަންތަކަށް ބަލާއިރު، 2,028 ކޮންޓެއިނަރު ބޭލިފައިވާއިރު، 1,730 ކޮންޓެއިނަރު ވަނީ ބަރުކޮށްގެން ބޭރުކުރެވިފައެވެ. މިއާއެކު މުޅި ހަފްތާގެ އޮޕަރޭޝަނަލް ހަރަކާތްތައް 3,758 އަށް އަރައެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި، މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް އަވަސްކުރުމަށް އެކުންފުނިން އަންނަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. މި ބަދަލުތަކާއެކު، ކުރިއާ އަޅާބަލާއިރު މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ.

