މި ހިނގާ ޖުލައި މަހުގެ ތެރޭގައި ރާއްޖެއިން އުމްރާގެ އަޅުކަމަށް 4،000 އަށްވުރެ ގިނަ މީހުން ފުރާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި ދުވަސްވަރު އުމްރާއަށް ދިޔަ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވަނީ މިހާރު ކުރިއަށްދާ ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެކި ޖަމާޢަތްތަކުގެ ދަށުން އުމްރާއަށް ފުރި ހުރިހާ ދިވެހިންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅު ކަމަށެވެ. ރާއްޖެއިން އުމްރާއަށްދާ މީހުން އާންމުކޮށް ދެ ހަފްތާގެ މުއްދަތަކަށް ސައުދީ އަރަބިއްޔާގައި މަޑުކުރާއިރު، މިފަހަކަށް އައިސް އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކުގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޚާއްސަކޮށް ރަމަޟާން މަހާއި ސްކޫލް ބަންދު ދުވަސްވަރު އުމްރާގެ އަޅުކަމަށްދާ ދިވެހިންގެ އަދަދު އިތުރުވަމުންދާތީ، އެކަމަށް ޚާއްސަ އުސޫލުތަކެއް ވުޒާރާއިން ވަނީ އެކުލަވާލާފައެވެ. އެގޮތުން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލުގައިވާ ގޮތުން، އުމްރާވެރިންގެ އަތުން ނަގާ ފައިސާ ބޭނުންކުރަންޖެހޭނީ ހަމައެކަނި އުމްރާގެ ކަންކަމަށެވެ. އެ ފައިސާ އެހެން ކަންކަމަށް އިންވެސްޓްކުރުމަކީ މަނާކަމެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބމ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުތަކާއި ކުންފުނިތަކުން ވެފައިވާ އެއްބަސްވުންތަކާ ޚިލާފުވާ ފަރާތްތަކަށް ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މިއީ އުމްރާވެރިންގެ ހައްގުތައް ހިމާޔަތްކޮށް، ދަތުރުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

