ދިވެހިރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ދެ ގައުމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންއެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، “މި އެއްބަސްވުމަކީ ހަމައެކަނި އިދާރީ ނިންމުމެއް ނޫން ކަމަށާއި، މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ، އަދި ޒުވާނުން ބާރުވެރިކުރުވުމަށާއި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެ ގައުމުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް” ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުންނާއި ދުރުމިނުގެ ސަބަބުން ވަސީލަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކަށް މި މަޝްރޫއުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވީނަމަވެސް، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ރައްޔިތުންގެ ދޮރުމައްޗަށް ގެނެސްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމާއި ސަގާފީ ގުޅުން، ވިޔަފާރިއާއި، ސަލާމަތީ ކަންކަމާއި، ތައުލީމީ ދާއިރާއިން އިތުރަށް ވަރުގަދަވަމުންދާ ކަމަށެވެ. މިއަދު ސޮއިކުރެވުނު މި އެއްބަސްވުމަކީ ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު ފިޔަވަޅެކެވެ.

