މިދިޔަ އަހަރާ އަޅާބަލާއިރު ޗައިނާ އަދި ރަޝިއާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޗައިނާއާއި ރަޝިއާ ހިމެނެނީ މިއަހަރާއި މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދެ ޤައުމުގެ ގޮތުގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖުލައި 18ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,173,922 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.7 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، ވަކިވަކި މާކެޓްތަކުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 195,363 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ޤައުމުން އައިސްފައިވަނީ 170,210 ފަތުރުވެރިން ކަމަށްވުމުން، މިއީ 14.7 އިންސައްތައިގެ އިތުރުވުމެކެވެ.
ދެވަނައިގައި އޮތް ރަޝިއާ މާކެޓުންވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މިހާތަނަށް ރަޝިއާއިން 167,314 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 142,899 ފަތުރުވެރިންނާ އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރިސޯޓްތަކަށެވެ. އެގޮތުން 834,816 ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 262,171 ފަތުރުވެރިން، ހޮޓެލްތަކުގައި 27,523 ފަތުރުވެރިން އަދި ސަފާރީތަކުގައި 22,381 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ

