މިއަހަރުގެ މިނިވަން ދުވަހުގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި މުޅިން އައު ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސީއީއޯ ހަލީމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މިއަހަރުގެ ރިޔާސީ ތަގުރީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ޖުލައި 26 ގެ ކުރިން މި ޚިދުމަތްތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.
ހޮސްޕިޓަލުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި އައުޓްޕޭޝަންޓް ގޭސްޓްރޯއެންޓަރޮލޮޖީ (ހަޖަމްކުރާ ނިޒާމްގެ ބަލިތައް)، ޔޫރޮލޮޖީ، އީއީޖީ އަދި ނިއުރޮލޮޖީ ކްލިނިކެއްގެ އިތުރުން ގްލޯކޮމާ އަށް ފަރުވާ ދިނުން ހިމެނެއެވެ. ސީއީއޯ ހަލީމް ވިދާޅުވީ މި ޚިދުމަތްތަކާއެކު ހުޅުމާލޭގެ ރައްޔިތުންނަށް އައިޖީއެމްއެޗަށް ދިއުމުގެ ބަދަލުގައި ގެއާ ކައިރިން ސްޕެޝަލިސްޓް ފަރުވާ ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، “ގޯލްޑް ސްޓޭންޑަޑް ބްލަޑް ސްކްރީނިން ޓެސްޓްތައް” ތައާރަފު ކުރުމަށް ވެސް ހޮސްޕިޓަލުން ދަނީ ތައްޔާރުވަމުންނެވެ. މީގެ ސަބަބުން އެޗްއައިވީ ފަދަ އިންފެކްޝަންތައް ދެނެގަތުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. ހަމައެއާއެކު، އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ދިނުމުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މި ބަދަލުތަކަކީ ހުޅުމާލެ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ކުރިއަށް ގެންދިޔަ ސިލްސިލާ މަސައްކަތްތަކުގެ ބައެއް ކަމަށް ހަލީމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޒަމާނީ ހަތަރު ތިއޭޓަރުގެ އޮޕަރޭޓިން ކޮމްޕްލެކްސް އާއި 10 އެނދުގެ އައިސީޔޫ، 14 އެނދުގެ އެންއައިސީޔޫ ތަރައްގީކުރުމުގެ އިތުރުން އިމަޖެންސީ ޑިޕާޓްމަންޓްގެ އެނދުތައް 14 އަށް އިތުރުކުރުން ހިމެނެއެވެ.

