ރައީސް އިބްރާހިމު މުހައްމަދުގެ ސަރުކާރުން، ދޮންބޭޒް ކުންފުންޏާ ހަވާލުކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްނުދާތީ އެއްބަސްވުން ބާތިލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ދޮންބޭޒް ކުންފުންޏާ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށް، އެޑްވާންސްގެ ގޮތުގައި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫއާއި، ގއ. ވިލިނގިއްޔާއި، ޅ. ހިންނަވަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން ދޫކުރި ފައިސާ ހިމެނެއެވެ.
އެގޮތުން އެޑްވާންސް ފައިސާ ނަގައިގެން މަސައްކަތް ކުރިއަށްނުދާތީ ކުޅުދުއްފުށީ މަޝްރޫޢު މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެޑްވާންސް ފައިސާ އަނބުރާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދޮންބޭޒް ކުންފުނިން ގިނަ މަޝްރޫއުތައް ނަގާފައިވަނީ، މާކެޓު ރޭޓަށްވުރެ ކުޑަ އަގުތަކެއްގައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެޑްވާންސް ފައިސާ ނެގުމަށްފަހު އެ ފައިސާއިން ކުރީ ކޮން ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެއްވެސް ރަށެއްގައި އަމަލީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެ އެއްބަސްވުންތައް ބާތިލުކޮށް، އެހެން އުސޫލެއްގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އެމްޑީޕީ ސަރުކާރުން އަތޮޅު ތެރޭގައި ގެދޮރު ބިނާކުރުމުގެ 6 މަޝްރޫއެއް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ، 705 މިލިއަން ރުފިޔާއަށެވެ.

