ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި ވަކި ހާއްސަ ކުންފުންޏެއް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެންގެވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށާއި، ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝާހު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަކީ ކުރިންވެސް ދެކެވޭ، ނަމަވެސް ރަނގަޅުކުރުމަށް ހުރިހާ ސަރުކާރުތަކަކުންވެސް ފަސްޖެހިފައި އޮތް ކަމެއް ކަމަށެވެ. ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅަކީ ބޭސް ގަނޑުކޮށް ގަނެ، ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުން ކަމަށާއި، މިކަމަށް ހާއްސަ ކުންފުންޏެއް އުފެއްދެވުމަކީ ރައީސް ނެންގެވި ވަރަށް “ބޯލްޑް” ސްޓެޕެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވަމުން ޑރ. ޝާހު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ ދެނެގަތުމަށް ބޭނުންވާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް (ERP) ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި ސިސްޓަމްތަކުގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ވަގުތުން ދެނެގަނެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ސަޕްލައިސް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދިނުމެވެ.
އެސްޓީއޯގެ ދަށުން މީގެކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން، މި ހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ މި އާ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފައެވެ. މިއާއެކު، ބޭހުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން މެނޭޖްކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ހަލުވިކަމާއެކު ފެށިފައެވެ.

