ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ގާމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒްވާރު، ދައުލަތުގެ މީޑިޔާަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ޕަވަރ ހައުސްއެއް ގާއިމުކުރުމަށް މިހާރު އެ ކުންފުނިން ތައްޔާރުވަމުން އަންނަކަމަށެވެ.
އެގޮތުން 2028އަށް އެ ކުންފުނިން ޕްލޭންކޮށްފައި އޮތީ މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ހުޅުމާލެ ފޭސް 2ގައި ގާއިމުކުރުމަށް ކަމަށާ މިހާރު އެ ތައްޔާރުވަމުން ދާއިރު 20 މެގެވޮޓުގެ ޕަވަރ ހައުސްއެއް ހުޅުމާލެ ފޭސް2ގައި ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ޑރ އަޒްވާރު ވިދާޅުވިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އިތުރަށް ރަނގަޅު ކުރުމަށްޓަކައި މިހާރުވެސް ޓެކްނިކަލް މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. މާލެ ސަރަޙައްދުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯއިން އަންނަނީ، މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.
ހުޅުމާލެ 2ވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކުރީ، މިދިޔަ މަހުގެ ތެރޭގައެވެ.

