"އެމްސީޖީއެޗް އޮޕްޓިކަލްސް" ފިހާރަތަކުން މިހާތަނަށް 23،000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އެމްސީޖީއެޗްއާ ހަވާލާދެއްވާ ޕީއެސްއެމް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަރުކާރު ހޮސްޕިޓަލުތަކުގައި ޤާއިމުކޮށްފައިވާ އައިނު ފިހާރަތަކުން މިހާތަނަށް ޖުމްލަ 23،847 އައިނު ހައްދާފައިވާ ކަމަށެވެ. މީގެތެރެއިން ގިނަ އަދަދެއްގެ އައިނު މިހާރު ތައްޔާރުކޮށް ހަވާލުކޮށްފައިވާ ކަމަށް އެމްސީޖީއެޗުން ވިދާޅުވިއެވެ.
އެމްސީޖީއެޗުން ވަނީ މިހޮސްޕިޓަލުތަކުގައި ޤާއިމުކޮށްފައިވާ އައިނު ފިހާރަތަކުން ހައްދާ ނިންމާފައިވާ އައިނާއި، އައިނު ހެއްދުމަށް މިހާރު އޯޑަރުކޮށްފައިވާ ތަފާސް ހިސާބު ހިއްސާކުރައްވާފައެވެ. އެގޮތުން މިހާތަނަށް އެންމެ ގިނައިން އައިނު ހައްދާފައިވަނީ، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ އައިނު ފިހާރައިންނެވެ.
އެގޮތުން އައިޖީއެމްއެޗު އައިނު ފިހާރައަށް ޖުމްލަ 13,595 އޯޑަރު ލިބިފައިވާއިރު، 12,507 އައިނު ހައްދައި ހަވާލުކޮށްފައިވެއެވެ. ހުޅުމާލެ ހޮސްޕިޓަލުގެ އައިނު ފިހާރައަށް ޖުމްލަ 8,934 އޯޑަރު ލިބިފައިވާއިރު، އޭގެތެރެއިން 8,247 އައިނު ހައްދައި ވަނީ ހަވާލުކޮށްފައެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިނު ފިހާރައަށް ލިބުނު 2,096 އޯޑަރުގެ ތެރެއިން 1,746 އައިނު ހައްދައި ހަވާލުކޮށްފައިވެއެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އައިނު ފިހާރައަށް ލިބުނު ޖުމްލަ 1,650 އޯޑަރުގެ ތެރެއިން 1,347 އައިނު ހައްދައި ވަނީ ހަވާލުކޮށްފައެވެ.
ސަރުކާރު 4 ހޮސްޕިޓަލެއްގައި މިހާތަނަށް އެމްސީޖީއެޗް އޮޕްޓިކަލްސްގެ އައިނު ފިހާރަ ޤާއިމުކޮށްފައިވާއިރު، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން 15 ޖެނުއަރީ 2026 އިން ފެށިގެން އާސަންދައިގެ ޚިދުމަތް ދޭން ރަޖިސްޓްރީވެފައިވާ އަމިއްލަ 18 ތަނަކުން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ލިބޭނެކަން އާސަންދަ ކުންފުނިން ވަނީ އިޢުލާންކޮށްފައެވެ. އޭގެތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި، އައިކެއާގެ ބްރާންޗުތަކާއި، އެޑްވާންސް އައި ކްލިނިކާއި، ސިޓީ އޮޕްޓިކަލްއާއި، ވިޜަން ކްލިނިކް އަދި ސިނަހިޔާގެ އިތުރުން ބައެއް އެހެނިހެން މެޑިކަލް ސެންޓަރުތައް ހިމެނޭ ކަމަށް އާސަންދަ ކުންފުނިން މައުލޫމާތު ދެއްވައެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގު ހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުގެ ދަށުން ފެށި ޚިދުމަތެކެވެ. އެއީ ކާމިޔާބު މަސައްކަތްޕުޅެއްގެ ގޮތުގައި މިއަދު މިދަނީ ފެންނަމުންނެވެ.

