މަރާމާތަށް ފަހު މާފަންނު ފުޓްސަލް ދަނޑު ހުޅުވައިފިއެވެ.
މި ދަނޑު ހުޅުވާދެއްވީ، އާދިއްތަ ދުވަހުގެ ހަވީރު މާފަންނު ފުޓްސަލް ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.
މާފަންނު ފުޓްސަލް ދަނޑު ވީރާނާވެ އަޅާނުލާ ދޫކޮށޤލާފައިވަނިކޮށް މި ސަރުކާރުން ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަރާމާތަށް އެތަން ބަންދުކޮށް، އަމަލީ މަސައްކަތް ފަށާފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި މި ދަނޑުގެ މަސައްކަތް ނިންމައި ސަރުކާރާ ދަނޑު ހަވާލުކޮށްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. މި ދަނޑުގެ މަސައްކަތް ކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ.
ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވަނީ، މާލެ ސަރަހައްދުގައި ސަރުކާރުން ގާއިމުކޮށްފައިވާ ކޮންމެ ފުޓްސަލް ދަނޑަކީވެސް ގިނަ އަދަދެއްގެ ޒުވާނުން އެކި މުނާސަބުތަކުގައި ބޭނުންކުރަމުން އަންނަ ދަނޑުތަކެއްކަން ފާހަގަކުރައްވައި، މި ދަނޑުތަކަކީ ރައްކާތެރި އަދި ކުޅެން އެކަށީގެންވާ ތަންތަނަށް ހެދުމަކީ ސަރުކާރުން މުހިންމު އިސްކަމެއްދޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ތަންތަން ބޭނުންކުރުމުގައި ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން، އެންމެންވެސް ދަނޑުގެ ރައްކާތެރި ކަމަށް އިސްކަންދީ ގިނަ ދުވަހު މި ދަނޑުގެ ބޭނުން ހިފޭނެ ގޮތަށް މަސައްކަތްކޮށް ދިނުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުސްތަފާ އިބްރާހިމް އާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ނަޒީމްގެ އިތުރުން މާފަންނުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.
މުނިފޫހިފިލުވާލައި ކުޅިވަރު ކުޅެ ހަދަން މި އާބާދީއާ އެކަށީގެންވާ މިންވަރާ ގާތަށްވެސް ވަޞީލަތްތައް އަދި މި ފަސްގަނޑުގައި ގާއިމްވެފައި ނެތްނަމަވެސް، ސަރުކާރުތަކުން އަންނަނީ މާލޭގައި ވެސް، ޖާގަ އޮތް މިންވަރަކުން އެފަދަ އުމްރާނީ ވަޞީލަތްތައް ގާއިމްކުރަން މަސައްކަތްކުރަމުންނެވެ.

