ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ މަރުޙަބާއާ މުބާރިކުބާދީ އެ ބޭފުޅުންނަށް އަރިސްކުރައްވައިފައިވަނީ، ފީފާ ވޯލްޑް ކަޕް 2026 ސްޕެއިންއިން ކާމިޔާބުކުރުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ހޯދި މި ބޮޑު ކާމިޔާބީއަކީ އެ ޓީމުގެ ކުޅުންތެރިންގެ ހުނަރާއި، މަސައްކަތްތެރިކަމާއި، އަދި ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ހެއްކެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
ފުޓުބޯޅައަކީ ދިވެހިރާއްޖޭގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒުގެ އެ ސިޓީފުޅުގައި ވަނީ، ސްޕެއިންގެ ޤައުމީ ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި ނުހަނު މަޤުބޫލުކަން ހޯދާފައިވާ ޓީމެއްކަންވެސް ފާހަގަކުރައްވާފައެވެ. އަދި ސްޕެއިންއިން މި މުބާރާތް ކާމިޔާބުކުރުމަކީ މުޅި ރާއްޖޭގައިވެސް ވަރަށް ބޮޑު އުފަލަކާއެކު ފާހަގަކުރި ކަމެއްކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ރަޙްމަތްތެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދު އުފެދިފައިވާ ގާތް އަދި ދެމެހެއްޓެނިވި ރަޙްމަތްތެރިކަމުގެ ގުޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާ ވަނީ ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އަގުހުރި އެހީތެރިކަން ވެސް ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުފުޅު ނިންމަވާލައްވާފައިވަނީ ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް ދާއިމީ ސުލްޙަވެރިކަމާއި، ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.
ސްޕެއިނުން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދީ ފޯރިގަދަ ފައިނަލް މެޗުގައި އާޖެންޓީނާގެ މައްޗަށް 0-1 އިން ކުރިހޯދައިގެންނެވެ.

