ސިއްހީ ފަރުވާ ހޯދުމުގައި އާސަންދައިގެ ދަށުން ލިބޭ ހިދުމަތްތަކުގެ އިތުރަށް، ބަލިމީހުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 90.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން އެ އިދާރާއިން ހާމަކޮށްފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އެމްއެމްޓީވީ" އިން އެދިގެން އެންސްޕާއިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މެޑިކަލް ވެލްފެއާގެ ގޮތުގައި ޖުމްލަ 90,118,739.77 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އާސަންދައިން ހަމަޖައްސައިދޭ އުސޫލުތަކުގެ ބޭރުން ބަލިމީހުންނަށް ކުރިމަތިވާ ހަރަދުތަކަށް ދީފައިވާ އެހީތެރިކަމެކެވެ.
އެންސްޕާގެ ހިސާބުތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސިއްހީ އެކި ކަންކަމަށް ވެލްފެއާ އެހީގެ ގޮތުގައި ޖުމްލަ 2.06 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި 2024 ވަނަ އަހަރު ދޫކުރި 490.7 މިލިއަން ރުފިޔާ އާއި 2025 ވަނަ އަހަރު ދޫކުރި 360.4 މިލިއަން ރުފިޔާ ހިމެނެއެވެ.
އެންސްޕާއިން އާންމުކޮށް އެހީތެރިކަން ފޯރުކޮށްދެނީ އާސަންދައިން ކަވަރު ނުކުރާ ހޮސްޕިޓަލް ބިލުތަކަށާއި، ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކުގައި ހުރުމާއި ކެއުމުގެ ހަރަދުތަކުގެ އިތުރުން، ބައެއް ހާއްސަ ބޭސްތައް ހޯދުމަށެވެ. "އެންސްޕާއިން އާއްމުކޮށް އެހީތެރިވަނީ އާސަންދައިން ދޫކުރާ އެހީގެ އިތުރަށް ބަލިމީހުންނަށް ބޭނުންވާ އެހީއަށް" ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން އެނގެއެވެ.
އެ އެޖެންސީން ފާހަގަކުރި ގޮތުގައި، ރައްޔިތުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ ހޭދަ އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. މިއީ ބަލިމީހުންނަށް ބޭނުންވާ އަސާސީ ފަރުވާ އާއި އެހެނިހެން އެހީތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދޫކުރެވޭ ފައިސާއެވެ.

