ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޤާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ އަމްޖަދު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އޭނާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.
މަޤާމުގެ ލިޔުން އަމްޖަދުއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އަކީ ތަޢުލީމީ ގޮތުން ޝަރީޢާއާއި ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ވެސް ފުރިހަމަކުރައްވާފައެވެ.
ޤާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން މުއްސަނދި ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ އަމްޖަދު މުޞްޠަފާ ވަނީ މީގެ ކުރިންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން 2020 ވަނަ އަހަރު ކުރައްވާފައެވެ. އަދި އެމަނިކުފާނަކީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެފަހުން ހުންނެވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި، އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަންވެސް އޭނާ ކުރެއްވިއެވެ.

