ދިވެހިރާއްޖޭގެ ވިޔަފާރިތައް އިޝްތިހާރުވެ، ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބައިނަލްއަޤުވާމީ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.
އެގޮތުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ދިވެހި ވިޔަފާރިތަކަށް ހުޅުވާލާފައިވަނީ، ހަތަރުވަނަ އެޑިޝަންގެ “އިންޑިޔާ – އޭޝިޔާ ބިޒްނަސް ކޮންކްލޭވް 2026” އަދި “އިކޯ ސަސްޓެއިން އެކްސްޕޯ 2026” ގައި ބައިވެރިވުމުގެ ފުރުސަތެވެ. މި މުހިންމު އެކްސްޕޯ ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 31 އިން އޯގަސްޓް 1 ގެ ނިޔަލަށް އިންޑިޔާގެ ހައިދަރުއާބާދުގައެވެ.
އިންޑިޔާ- އޭޝިޔާ ބިޒްނަސް ކޮންކްލޭވް ފާހަގަވެފައިވަނީ، މި ސަރަހައްދުގައި ބާއްވާ ބައިނަލްއަޤުވާމީ ވިޔަފާރިތައް އެއްތަނަކުން ގުޅުވާލަދޭ އެއް ޕްލެޓްފޯމުގެ ގޮތުގައެވެ. މި މައުރަޒުގައި އިންޑިޔާގެ 500 އަށްވުރެ ގިނަ ވިޔަފާރި ކުންފުނިތަކާއި، ބައިނަލްއަޤުވާމީ ވިޔަފާރި ވަފުދުތަކާއި، ސިޔާސަތު ހައްދަވާ ފަރާތްތަކާއި، ސަރުކާރުތަކުގެ ބައިވެރިންނާއި، ޑިޕްލޮމެޓުންނާއި، ސިނާޢީ ޖަމާއަތްތަކާއި އަދި އޭޝިޔާ ސަރަހައްދުން 20 އަށްވުރެ ގިނަ ޤައުމުގެ ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި އެކްސްޕޯގެ ތެރެއިން ވިޔަފާރި ނެޓްވޯކިން ފުރުސަތުތަކާއި، އިންވެސްޓްމަންޓް އަދި ޖޮއިންޓް ވެންޗަރ ހެދުމުގެ ފުރުސަތުތައް ދިވެހި ކުންފުނިތަކަށް ލިބިގެންދާނެއެވެ. އަދި ތަފާތު ދާއިރާތަކަށް ޚާއްޞަކޮށްގެން ބާއްވާ ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މީގެ އިތުރުން، އިންޑިޔާގެ މެނިފެކްޗަރުންނާއި، އެކްސްޕޯޓަރުންނާއި، އިމްޕޯޓަރުންގެ އިތުރުން ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާއި އިންވެސްޓަރުންނާ ސީދާ ބައްދަލުކޮށް، މަޝްވަރާ ކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
މީގެ އިތުރުން ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި އަދި ދޭ ޚިދުމަތްތަކާއި، އިންވެސްމަންޓުގެ ފުރުސަތުތައްވެސް ބައިނަލްއަޤުވާމީ ފަރާތްތަކާއި ހިއްސާކޮށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އިންފްރާސްޓްރަކްޗަރ، ޓޫރިޒަމް، ހޮސްޕިޓެލިޓީ، ރިނިއުއަބަލް އެނަރޖީ، ފުޑް ޕްރޮސެސިންގ، ހެލްތު ކެއަރ، އެޑިއުކޭޝަން، ޓެކްނޮލޮޖީ، މެނުފެކްޗަރިންގ، ލޮޖިސްޓިކްސްގެ އިތުރުން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓާއި ގުޅޭ ދާއިރާތަކުގެ މެދުގައި ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުމުގެ ފުރުސަތުތައްވެސް ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ވިޔަފާރިތައް ބައިނަލްއަޤުވާމީ ބާޒާރުތަކަށް ނެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވާލެވުނު ފުރުސަތެކެވެ. މި ފުރުސަތާއެކު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް އިންޑިއާ އަދި އޭޝިއާ މާކެޓުގައި އިޝްތިހާރުވުމަށް ދޮރުތައް ހުޅުވިގެން ދާނެއެވެ.

