އިޤްތިސާދާއި އާބާދީއާއި ގުޅޭ މަޢުލޫމާތު ފަސޭހައިން ބަލާލެވޭ އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ ޕޯޓަލް، ސްޓެޓްސް ބިއުރޯއިން ތަޢާރަފްކޮށްފިއެވެ.
މި ޕޯޓަލް ތަޢާރަފްކޮށްފައިވަނީ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު (ޤާނޫނު ނަންބަރު 16/2021) ވުޖޫދަށް އައިސް، އެމް.ބީ.އެސް އަކީ ފަންނީގޮތުން މިނިވަން ޤައުމީ އިދާރާއެއްގެ ގޮތުގައި ކަނޑައެޅުނުތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ ޕޯޓަލްއަކީ، ރާއްޖޭގެ އިންފްލޭޝަނާއި، އިޤްތިޞާދީ ކުރިއެރުމާއި، އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އެމްބީއެސްއިން ތަޢާރަފްކުރި ޕޯޓަލްއެކެވެ.
މި އައު ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގަށް އަންނަ ބަދަލުތައް ދައްކައިދޭ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) އާއި، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) ގެ ތަފާސްހިސާބުތަކުގެ އިތުރުން، އާބާދީ ކުރިއަށް އޮތް ތަނުގައި ބަދަލުވެގެންދާނެ ގޮތުގެ ލަފާކުރުންތައް އިންޓަރެކްޓިވްކޮށް ބަލާލެވޭނެއެވެ. މިއީ ރަސްމީ މައުލޫމާތުތައް ހޯދުމަށް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
މީގެ ސަބަބުން މި މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ރަސްމީ މައުލޫމާތުތައް ހޯދައި ދެނެގަތުމުގެ ފުރުޞަތު ލިބޭނެއެވެ. މި ޕޯޓަލްއަކީ، ރާއްޖޭގެ އިޤްތިޞާދާއި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފުކުރި ޕޯޓަލްއެކެވެ.
ޤާނޫނުގައިވާ ގޮތުގެ މަތިން، އެމް.ބީ.އެސް ހިންގުމަށްޓަކައި ޗީފް ސްޓެޓިސްޓިޝަން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ބިއުރޯއަކީ މިނިސްޓްރީ އޮފް ފައިނޭންސްގެ އިރުޝާދުގެ ދަށުން ހިންގަމުންދާ، ނަމަވެސް ފަންނީގޮތުން މިނިވަން މުއައްސަސާއެކެވެ.

